13 May 2012, 09:48
މޮސްކޯ (މޭ 12): އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި ރަޝިޔާގެ އައު ރައީސް ވްލަޑިމޭރު ޕޫޓިން އަންނަ ޖޫން މަހު މެކްސިކޯގައި ބައްދަލުކުރައްވާނެ ކަމަށް ޚަބަރުލިބިއްޖެ އެވެ.
ވައިޓް ހައުސްއާއި ކްރިމްލިންއިން ބުނި ގޮތުގައި އޮބާމާއާއި ޕޫޓިން ބައްދަލުކުރައް ވާނީ ޖޫން މަހު މެކްސިކޯސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ ޓުވެންޓީގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓް އަރިމަތިންނެވެ. މި މަހުގެ 18 ން 19 ށް އެމެރިކާގެ މިރިލެންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ އަށެއްގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ރަޝިޔާގެ އައުރައީސް ޕޫޓިން ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށާއި އޭނާގެ ބަދަލުގައި ރަޝިޔާ ތަމްސީލް ކުރައްވާނީ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު ޑިމިޓްރީ މިޑްވެޑޭވް ކަމަށް ކްރިމްލިންއިން ވަނީ ހާމަކޮށްފަ އެވެ.
ކްރިމްލިން އިން ހާމަކުރާގޮތުގައި ޖީ އަށެއްގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ޕޫޓިން ބައިވެރިވެ ވަޑައިނުގަންނަވަނީ ރަޝިޔާގެ ދާޚިލީ ކަންކަމުގައި ވަރަށް ބުރަކޮށް އުޅުއްވަންޖެހިވަޑައިގަތުމާ ގުޅިގެންނެވެ. ޚާއްސަކޮށް ރަޝިޔާގެ އައުކެބިނެޓާއި ސަރުކާރުގެ މަޤާމްތަކަށް މީހުން ހަމަޖެއްސުން ފަދަ ކަންކަމުގައި ޕޫޓިން އުޅުއްވަނީ ވަރަށް އަވަދިނެތި ކަމަށާ އޮބާމާއަށް ކުރެއްވި ފޯންކޯލެއްގައި ޕޫޓިން މިކަން އޮބާމާއަށް ދަންނަވާފައިވާ ކަމަށް ވެސް ކްރިމްލިން އިން ހާމަކުރެ އެވެ.
ރަޝިޔާގެ ރައީސް ކަމަށް އަލުން ޕޫޓިން އިންތިޚާބުވުމާ ގުޅިގެން އޮބާމާވަނީ އޭނާ އަށް މަރްޙަބާ ދަންނަވައިފަ އެވެ. އަދި އޮބާމާ ރައީސްކަމުގެ ހުވާކުރެއްވުމުން އޮބާމާ ވަނީ ޕޫޓިންއަށް ފޯން ކުރައްވައި އޭނާއާ ބައްދަލުކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފަ އެވެ. (ރޮއިޓާސް)