މިއަހަރުގެ މެއި މަހުގެ 13ގައި އެންގޭޖްވި ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާ އާއި ލޯބިވެރިޔާ ރާގަވް ޗައްދާގެ ކައިވެނީގެ ހަފުލާ ވަރަށް ކުލަގަދަކޮށް ބާއްވައިފިއެވެ.

އިންޑިއާގެ އުދެއިޕޫރުގައި އިއްޔެ ބޭއްވި ކައިވެނީގެ ހަފުލާއަށް ދަޢުވަތު ދިނީ ޕަރިނީތީ އާއި ރާގަވްގެ ޢާއިލާގެ އިތުރުން ވަރަށް ގާތް ރަޙުމަތްތެރިންނަށެވެ. މީގެ އިތުރުން ސިޔާސީ ދާއިރާގައި މަސައްކަތްކުރާ ފާހަގަކޮށްލެވޭ ބައެއް އިސްވެރިން ވަނީ މި ކައިވެނީގެ ހަފުލާގައި ބައިވެރިވެފައެވެ.

ޕަރިނީތީ އާއި ރާގަވްގެ ކައިވެނީގެ ފޮޓޯތައް އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް އާއްމުންނާ ހިއްސާކުރަމުން ޕަރިނީތީ ބުނީ ދެ މީހުން ބައްދަލުވި ފުރަތަމަ ދުވަހު ވެސް ދެ މީހުންގެ ހިތް އެދުނީ އެންމެ ކަމަކަށް ކަމަށާއި އިއްޔެއަކީ ދެކެމުން އައި ހުވަފެނުގައި ހަގީގީ ކުލަ ޖެހުނު ދުވަސް ކަމަށެވެ.

ޕަރިނީތީ އާއި ރާގަވްގެ ކައިވެނީގެ ހަފުލާގައި ބައިވެރިވި ފާހަގަ ކޮށްލެވޭ ޝަހްސިއްޔަތުތަކުގެ ތެރޭގައި ނިއު ދެއްލީ ޗީފް މިނިސްޓަރު، ޕަންޖާބު ޗީފް މިނިސްޓަރު އަދި ރާގަވް ނިސްބަތްވާ ސިޔާސީ ޕާޓީ އާމް އާދުމީގެ އިސް ފަރާތްތައް ހިމެނެއެވެ.

ޕަރިނީތީ އާއި ރާގަވްގެ ކައިވެނީގެ ހަފުލާގެ ތެރެއިން --

މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނިޝް މަލްހޯތުރާ އަދި ޕަރިނީތީގެ ގާތް ރަޙުމަތްތެރިޔާ ސާނިއާ މިރުޒާވެސް ވަނީ ކައިވެނީގެ މި ހަފުލާގައި ބައިވެރިވެފަ އެވެ.

ޕަރިނީތީ އާއިލާގެ ފަރާތުން ހުރިހާ މެމްބަރުން ކައިވެނީގެ ހުރިހާ ރަސްމިއްޔާތުތަކެއްގައި ބައިވެރިވި ނަމަވެސް ދެބެއިންގެ ދެދަރި ޕްރިޔަންކާ ޗޯޕްރާ މި ރަސްމިއްޔާތުތަކުން ނުފެނުމުގެ ފަޅުކަން ގިނަބަޔަކަށް ފާހަގަވި އެވެ.

ކައިވެނީގެ ރަސްމިއްޔާތު ފެށުމުގެ ކުރިން ބަތަލާ ޕްރިޔަންކާ ވަނީ ކޮއްކޮ ޕަރިނީތީއަށް އަބަދުވެސް އުފާވެރި ކަމަށް އެދޭކަން ހާމަކޮށް އިންސްޓަގްރާމް ޕޯސްޓެއް އާއްމުކޮށްފައެވެ.

ބޮލީވުޑްގެ އެންމެ މަގުބޫލު ބަތަލާއިންގެ ތެރޭ ހިމެނޭ ޕަރިނީތީގެ ކައިވެންޏާއެކު ގިނަބަޔަކު ވަނީ ބަތަލާއަށް ހެޔޮ އެދުންތައް ފޮނުވާފައެވެ. މި ދެ މަފިރިންގެ ކައިވެންޏަށް ފަހު ބޭއްވޭ ކައިވެނީގެ ރިސެޕްޝަން ތިން ތަނެއްގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އެއީ އިންޑިއާގެ ޗަންދިގަރު، ނިއު ދެއްލީ އަދި މުމްބާއީ ގައެވެ.