ބިރުވެރި ހިނިތުންވުމަކުން މީހުން މަރުވާ ބިރުވެރި ފިލްމެއް ކަމަށްވާ "ސްމައިލް"ގެ ދެވަނަ ބައެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮޑަކްޝަނުން ހާމަކޮށްފިއެވެ.

އޮކްޓޯބަރާ ދިމާކޮށް ކޮންމެ އަހަރެއްގައި ވެސް ހޮލީވުޑް އިން ބޮޑެތި ބިރުވެރި ފިލްމުތައް އަޅުވާނެއެވެ. އަދި އޭގެތެރޭގައި ތަފާތު ވަރުގަދަ ފިލްމުތައް ފެންނާނެއެވެ. އެއިން އެއް ފިލްމަކީ މިދިޔަ އަހަރު ނެރުނު ފިލްމު "ސްމައިލް" އެވެ. ސްމައިލްގެ ޓްރެއިލާތައް ނެރެން ފެށި އިރު ފިލްމަށް މާ ބޮޑު އިތުބާރެއް ނެތެވެ. ގިނަ ބަޔަކު ހީކުރީ ފިލްމު ވެގެން ދާނީ ފްލޮޕަކަށް ކަމަށެވެ.

ނަމަވެސް ރޭޓިން އާންމުވާން ފެށުމާއެކު ފިލްމަކީ ބޮޑު ހިޓަކަށް ވާނެ ފިލްމެއް ކަން އެނގުނެވެ. އަދި ފިލްމު ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މި ކާމިޔާބީ ފެނި ޕްރޮޑަކްޝަން "ޕެރަމައުންޓް" އިން ވަނީ ފިލްމުގެ ދެވަނަ ބައެއް ނެރޭނެ ކަމަށް ދާދި ފަހުން ހާމަކޮށްފައެވެ.

ސްމައިލްގެ ދެވަނަ ބައެއް އިއުލާނު ކޮށް މިއަންނަ އަހަރުގެ ކުރީ ކޮޅަށް އިއުލާނު ކޮށްފައިވާއިރު އެންމެ ފަހުން ޕްރޮޑަކްޝަނުން ބުނެފައިވަނީ ފިލްމު ޑިލޭ ކުރަން ޖެހިފައިވާ ކަމަށެވެ. އެކްޓަރުންނާއި ލިޔުންތެރިންގެ ހަޅުތާލާ ގުޅިގެން ފިލްމު ވަނީ މިހާރު އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ މެދު ތެރެއަށް ފަސްކޮށްފައެވެ.

މި ފިލްމުގެ މައިގަނޑު ބޮޑެތި މަސައްކަތްތައް ނިމިފައިވާ ކަމަށް ޕެރަމައުންޓުން ބުނެއެވެ. ނަމަވެސް ފުރިހަމަ ކުރަން ޖެހޭ ބައެއް މުހިއްމު ކަންތައްތައް ހުރި ކަމަށް ވެސް ޕެރަމައުންޓުން ބުނެފައިވެއެވެ.

ސްމައިލްގެ ފުރަތަމަ ފިލްމަކީ 17 މިލިއަން ޑޮލަރުގެ ބަޖެޓެއްގައި އުފެއްދި ފިލްމެކެވެ. އަދި އެ ފިލްމު ވަނީ 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީ އެއް ހޯދާފައެވެ. ފުރަތަމަ ފިލްމުން ފެނިގެންދާނީ ތެރަޕިސްޓެއް ގާތަށް އަންހެނެއް ދާ ހިސާބުން އޭނާގެ ދިރިއުޅުން ބަދަލުކޮށްލާ ތަނެވެ. ފާޑެއްގެ މީހެއް ބިރުވެރި ގޮތަކަށް ހިނިތުން ވެގެން ހުންނަތަން އެ އަންހެން މީހާ އަށް ފެނެއެވެ. އަދި އެންމެފަހުން އެ އަންހެން މީހާ ތެރަޕިސްޓު ކުރިމަތީގައި މަރުވެއެވެ.

މިހާ ހިސާބުން އެ ތެރަޕިސްޓަށް ދެން ފެންނަން ފަށަނީ އަންހެން މީހާ ބިރުވެރިގޮތަކަށް ހިނިތުން ވެގެން ހުންނަ ތަނެވެ. މި ފިލްމުގައި ލީޑް ރޯލުން ފެންނާނީ ސޫޒީ ބޭކަން އާއި ކެއިޓްލިން ސްޓޭސީ އާއި ޖެސީ ޓީ އަޝާ އަދި ކައިލް ގޯލްނާއެވެ.