13 May 2012, 09:36
ރާއްޖޭގެ އިގްތިސޯދީ ކަންކަން ހަމައިން ނެއްޓިފައިވާ ވާހަކަ ދައްކާތާ ދުވަސް ގަނޑެއްވެއްޖެ އެވެ. އެތައް އަހަރުތަކެއް ވަންދެން ފަރުވާލެއް ނުބަހައްޓައި ކުރެވުނު ކަންކަމުން އިގްތިސޯދުގެ މުހިންމު އަސާސްތައް ކަމަށްވާ ބޭރުގެ ފައިސާގެ ބާޒާރާއި އިންފުލޭޝަން އަދި ދައުލަތުގެ ދަރަނީގެ މައްސަ ވަނީ އަތް ނުފޯރާފަށަށް މަތީގަ އެވެ. އެކަންކަން ހައްލުކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އަބަދުވެސް ގޮވާލާ އެއްކަމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމެވެ. ކޮންމެ ބަޔަކު ވެސް ވެރިކަމަށް އައުމުގެ ކުރިން އެ ވައުދުތައްވެ އެވެ. އެ ވާހަކަ އަޑު ހަރުކޮށްފައި ޕޯޑިއަމްތަކުގައި ދައްކަ އެވެ. އޭގެ ފަހަތުން އަހަރުމެން ފޯރީގައި އަތް ޖަހައި ސިޔާސީ ވެރިންނަށް ފޯރިދެ އެވެ.
އިގްތިސޯދީ ގޮތުން ހުރި މައްސަލަތަކުން އަރައިގަންނަން ކުރަން ޖެހޭ މަސައްކަތް އަހަރުމެން އެންމެނަށް ވެސް ސާފެވެ. ދައުލަތުގެ ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމެވެ. އޭގެ ތެރެއިން އެއްބަޔަށް އަހަރުމެންނަށް މަސައްކަތް ކުރެވުނު ނަމަވެސް އަނެއްބައި އޮތީ އެކީ އެކަށް ހެން ދޫކޮށްލެވިފަ އެވެ. އެއީ ހަރަދު ކުޑަކުރުމުގެ މަސައްކަތެވެ. ނަމަވެސް އާމްދަނީ އިތުރު ކުރުމުގެ މަސައްކަތް ވަރަށް ފަސޭހައިން އަހަރުމެން ކާމިޔާބުކުރެ އެވެ. އެކަމަކު އަބަދުވެސް އެންމެ އުނދަގޫ ވަނީ ހަރަދު ކުޑަކުރުމަށެވެ. އެއީ އަދި އެއްވެސް ސަރުކާރަކަށް ނުވެ އޮތް ކަމެކޭ ބުނެވިދާނެ އެވެ.
"އުސޫލެއްގެ ގޮތުން ސަރުކާރަކަށް ހަރަދު ކުޑަކުރުން ކަހަލަ ކަންތައްތައް ކުރުން އަސްލު ނުކުރެވޭނެ. އެއީ މިދޭތި ދިމާކުރުން މިއީ ވަރަށް އުނދަގޫ ދޭތި. ސަރުކާރުގައި ތިބޭ ބަޔަކު ގިނަ އެއްޗިހި ދޭން ބޭނުންވާނެ. އެކަމަކު ބަޖެޓްގައި އެވަރަށް ފައިސާއެއް ވެސް ނުހުންނާނެ،" އިގްތިސޯދީ މާހިރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މައިދާން ބައްޓަންވެފައިވާ ގޮތުން އާންމުންގެ ތާއީދާ އެކު ވެރިކަމަށް އައުމަކީ އެކްޓިވިސްޓުންނާ ނުލައި ވާނެ ކަމެއް ނޫނެވެ. ނޫނީ އެ މީހުން ކޮންޓްރޯލްކުރާ މީހުންނާއި ގުޅުންހުރި މީހުން އަބަދުވެސް ކައިރީގައި ގެންގުޅެންޖެހެ އެވެ. އެމީހުން ބޭނުންކަންތައްތައް އެ މީހުންނަށް ކޮށްދޭންޖެހެ އެވެ. ނަހަމަ ގޮތުގައި ކޮންޓްރެކްޓްތައް ދިނުމާއި އެކި ނަންނަމުގައި ކުންފުނި ހަދައި ބޯޑުތަކަށް އަރިސް ބޭފުޅުންނާއި އާއިލީ ގޮތުން ގުޅުން ހުރި ބޭފުޅުން އައްޔަން ކުރެއްވުމަކީ އަބަދުވެސް ވެރިކަމުގައި ކަންހިނގާ މަގެވެ. އެކަމަކު އެއީ އިގްތިސޯދީ ނަޒަރިއްޔާއަކުން ބޮޑު މައްސަލަ އެކެވެ. ކޮރަޕްޝަނަކީ ހަރަދުތައް ބޮއްސުންލައިގެން ދިޔުމަށް ދިމާވާ މައްސަލަ އެކެވެ.
"މިސާލަކަށް އެތައް މިލިއަނެއް އެބަހުރި ގޮސްފައި ކޮރަޕްޝަންގެ ގޮތަށް. އެއީ އަނބުރާ އަދި ނުލިބި ހުރި ހަރަދުތަކެއް. އެހެންވީމާ އެ ހަރަދުތައް ރިކަވާ ކުރަން ހަދާނީ ކިހިނެތް ތޯ؟ މިއީ ގައުމެއްގެ ނިސްބަތުން ވިސްނަންވެއްޖެ ކަމެއް،" އިގްތިސޯދީ މާހިރަކު ނަން ހާމަ ނުކުރަން އެދިވަޑައިގަތް ވިދާޅުވި އެވެ.
ދެން އޮތީ ހަރަދު ކުޑަނުކުރެވޭ އަނެއް ސަބަބެވެ. އެއީ މީހުންގެ ވިސްނުމާ ގުޅިފައިވާ މައްސަލައަކަށް ވުމަކީ ވެސް ގާތްކަމެކެވެ. ކޮންމެ ރައްޔިތަކަށްމެ ކޮންމެ އެއްޗެއް ހިލޭ ލިބޭ ގޮތްވުމެވެ. އެންމެ މުއްސަދި މީހާއަށް ކަރަންޓް ސަބްސިޑީލިބެ އެވެ. އާސަންދަ ވެސް ލިބެ އެވެ. އަދި މަސްވެރި މީހާއަށް ވެސް ސަބްސިޑީދެވެ އެވެ. ހިލޭ ތައުލީމު ލިބެ އެވެ. ގައުމަކީ ވެލްފެއާ ސްޓޭޓަކަށް ވެފައި އޮންނަ އޮތުމަކީ ގައުމަށް ދިމާވެފައިވާ ހަރަދު ބޮޑުވުމުގެ މައްސަލަ ޑަބަލް ކުރާ ކަމެކެވެ.
"އަޅުގަނޑުމެންގެ ތެރެއިން މިސާލަކަށް ވިސްނާލަމާ ހިނގާ އެންމެ ޒުވާން ކުއްޖާ އޭނަ އަތުގައި އޮންނާނެ އެންމެ ފަހުގެ ފޯނެއް، ވޮލެޓް އެންމެ އަގު ބޮޑު ލެދާ ވޮލެޓެއް. މުސާރައިގެ ދެބައިކޮށްފައި އެއްބައި ކޮފީއަށް. އައު ސްޓޮކެއް ގެނެސްފިއްޔާ ހުސްވޭ، އެކަމަކު އެ އެންމެނަށް އެބަޖެހޭ ހިލޭ ބޭސްފަރުވާ ކަރަންޓް މިހެން ގޮސް ނަން ކިޔާނެ އެއްޗެއް ދޭން. އެކަމަކު ސަރުކާރަކަށް އެގޮތަކަށް އެކަމެއް ނުކުރެވޭ،" ރާއްޖޭގެ ވިޔަފާރިއާ ގުޅޭ ގޮތުން ރިސާޗް ހައްދަވާ ބޭފުޅަކު ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމުގެ މައްސަލައަށް ކޮންމެ މީހަކު ވެސް އަމިއްލަ ހައިސިއްޔަތަކުން ވިސްނަންޖެހެ އެވެ. ވިޔަފާރި އާއި އިގްތިސޯދުގެ ކަންކަން ވެސް ބިނާވެފައި ވަނީ ރައްޔިތު މީހާގެ ކިބައިން ކަންކަން ފެށޭ ގޮތަށެވެ. "އަމިއްލަ ފަރުދުންނަށް ވެސް މިކަންކަން އެގޮތަށް ވިސްނައިދީ އިތުބާރު އުފެއްދުން މުހިންމު،" އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވި އައިއެމްއެފްގެ މިޝަންގެ ބޭފުޅުން ވިދާޅުވި އެވެ.
ދައުލަތުގެ ހަރަދުތަކުގެ ވާހަކަ ދައްކާއިރު އެ ހަރަދުތައް މިންކުރަން އެންމެ ރަނގަޅުވާނީ ދައުލަތުގެ ބަޖެޓް މިހާރު އޮތް ހާލަތަށް ވިސްނާލުމުންނެވެ. އެގޮތުން ސަރުކާރުން މިހާރު ލަފާކޮށްފައި ވަނީ ހަރަދު އިތުރުވުމުގެ ސަބަބުން 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް މި އަހަރު އަރާނެ ކަމަށެވެ. އެއާ އެކު ބަޖެޓްގެ ދަރަނި 3.9 ބިލިއަނުން 9.1 ބިލިއަން ރުފިޔާ އަށް މައްޗަށް ދާނެ އެވެ.
ނަމަވެސް ބަޖެޓްގެ މައްސަލަ އެހެން ހުއްޓަސް ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެއްވެސް ދިމާލަކުންނުފެނެ އެވެ. އޭގެ ބައެއް މިސާލުތަކަށްދާ ނަމަ؛ މިނިސްޓަރުންނަށް ފޯނާއި، އައިޕެޑް ފަދަ ތަކެތި ގަތުމަށް ދޫކުރި ހުއްދަ އެވެ. އިތުރު ދެ މިނިސްޓްރީއެއް އުފެއްދުމެވެ. އަދި މިނިސްޓްރީތަކަށް ސްޓޭޓް މިނިސްތަރުންނާއި ނައިބުން އަދި ނަން ހުސްކުރި މަގާމެއް ދޭ ދިނުމަކީ ހަގީގަތުގައި މައްސަލަތަކެކެވެ. އެ މައްސަލަތަކުގެ ނިމުން ގުޅޭނީ އިގްތިސޯދީ ސަބަބުތަކާ އެވެ.
"މީގެ ކުރިން ކޮންމެވެސް ވަރަކަށް އެބަހުރި ކަންނޭންގެ ބައެއް ކަންކަން ލޯމަރާލާފައި ކޮށްފައި ވެސް. އޭގެން ފެނުނު ސިޔާސީ ގޮތުން ފިއްތުންތަކާއި ކަންތައްތައް. އެކަމަކު މި ސަރުކާރަކަށް ހިޔެއް ނުވޭ ވަގުތެއްވެސް އަދި ހާލަތު ވެސް ތަންދޭހެނެއް އެފަދަ ފިޔަވަޅުތަކެއް އަޅަން. އެކަމަކު އެ ފިޔަވަޅުތައް އަޅަން ވެސް އެބަޖެހޭ،" ނަފާ ނަސީމް ވިދާޅުވި އެވެ.
ހަގީގަތަކީ ހަރަދުކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ޖެހިފައި ވާކަމެވެ. ހަރަދުބޮޑުކޮށް އެވަރަށް އާމްދަނީއެއް ހޯދަން ހިފާ ނަމަ އެއީ އަދި މާބޮޑު މައްސަލައެކެވެ. އެއަށް ވުރެ ދައުލަތުގެ ހަރަދުތައް ކުޑަކުރުން މާ މުހިންމެވެ. ނޫން ނަމަ ގައުމެއްގެ ނިސްބަތުން އަހަރުމެން ދެން ކުރިމަތިލާން ޖެހޭ ކަންކަން މާބޮޑުވާނެ އެވެ. ބުއްދިވެރިން ބުނެއުޅެ އެވެ؛ "ފަހުން ނަގާ ރާޅު ބޮޑުވާނެ" އެވެ.