އިންޑިއާގައި އެޕަލްއިން އައިފޯން އުފައްދާ ފެކްޓްރީ 'ޕެގަޓްރޯން' ފެސިލިޓީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އެ ފެކްޓަރީގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެ ކުންފުނީގެ ޓެމިލްނާޑޫ ފެކްޓްރީގައި އެ ދުވަހުގެ ހުރިހާ ޝިފްޓެއްގެ މަސައްކަތް ކެންސަލްކޮށްފައިވާ ކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފައިވެއެވެ.

އޭގެ ފަހުން މިއަދު އަލުން މަސައްކަތް ފަށަން އޮތް ނަމަވެސް މިއަދުވެސް މަސައްކަތަށް ނުނިކުންނަން މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ރޮއިޓާސްގައިވެއެވެ.

ޕެގަޓްރޯންއާ ހަވާލާދީ ރޮއިޓާސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ފެސިލިޓީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މާލީ ނުވަތަ އޮޕަރޭޝަނަލް ގޮތުން މާބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ.

އެޕަލްގެ މައި ކުންފުނިން މިކަމާ ގުޅޭގޮތުން އަދި ރަސްމީ އެއްވެސް އެއްޗެއް ނުބުނެއެވެ.

އިންޑިއާގެ އެމަޖެންސީ ރެސްޕޮންސް އޮފިޝަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އަލިފާންގަނޑު ނިއްވަން އެކި ސްޓޭޝަންތަކުން އެތައް ފަޔާ އިންޖީނެއް ބޭނުންކުރިއިރު، އެ މަސައްކަތަށް ގާތްގަނޑަކަށް ފަސް ގަޑިއިރު ހޭދަވިއެވެ.

ޕެގަޓްރޯންއިން ބުނި ގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އަދި މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާއިރު، އެ ހާދިސާ ހިނގި ސަބަބު ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާ ކަމަށް އެ ފެކްޓަރީން ބުނެފައިވެއެވެ.

ރިސާޗް ކުންފުންޏެއް ކަމަށްވާ ކައުންޓަޕޮއިންޓުން ފާހަގަކޮށްފައިވާ ގޮތުގައި އިންޑިއާގައި އުފައްދާ އައިފޯންގެ 10 އުފައްދަނީ ޕެގަޓްރޯންގައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިންޑިއާގައި އައިފޯން އެސެމްބްލް ކުރުމުގެ މަސައްކަތް ފެށި ޕެގަޓްރޯންއިން ވެސް ދަނީ ޓެމިލް ނާޑޫގައި އިތުރު ފެސިލިޓީއެއް ގާއިމް ކުރުމަށް މަޝްވަރާ ކުރަމުންނެވެ.