12 May 2012, 20:26
ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންހު އެދިވަޑައިގަންނަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަންމޯހަންއާ ބައްދަލު ކުރެއްވުން ސިންހު ވިދާޅުވީ ރާއްޖޭގެ ހަމަޖެހުމާއި އަމަންއަމާންކަން ގާއިމުވެފައި އޮތުމަކީ ވަރަށް މުހައްމު ކަމެއް ކަމަށެވެ. އެގޮތުން މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސިޔާސީ ޕާޓީތަކުން އެއްމޭޒެއްގެ ދޮށަށް އައިސް ވާހަކަތައް ކުރިއަށް ގެންދިއުމަކީ ވަރަށް މުހައްމި ކަމެއް ކަމަށް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ރައީސް ވަހީދުގެ ވާހަކަފުޅުގައި ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު، ކަންތައްތައް ގެންދެވިގޮތާއި ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރުއޮތް ގޮތާއި އަދި އިންކުއަރީ ކޮމިޝަންގެ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދެއްކެވި އެވެ. މީގެއިތުރުން، ރާއްޖޭގެ އިގްތިސާދީ ޙާލަތު މިހާރު އޮތް ގޮތާއި އިގްތިސާދީ ޙާލަތު ރަނގަޅު ކުރެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ވެސް ރައީސް ވަހީދު އިންޑިއާގެ ބޮޑުވަޒީރަށް ދެއްވި އެވެ. އަދި ގެދޮރު އެޅުމުގެ މަޝްރޫޢަށް އިންޑިއާ ސަރުކާރުން ދެއްވާ ފުރިހަމަ އެއްބާރުލެއްވުން ރައީސް ފާހަގަކުރެއްވި އެވެ.
އިންޑިއާ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރައީސް ވަހީދު އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީތީ އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ އަހަރު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގެ ހަނދުމަފުޅުތައް ބޮޑުވަޒީރު އާކުރެއްވި އެވެ.
ރައީސް ވަހީދު ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ސަރުކާރުން ކުރަމުންދާ ކަންތައްތަކާ މެދު އިންޑިއާ އިން ވަރަށް ބޮޑަށް ތާއިދު ކުރާ ކަމަށެވެ. ޖީއެމްއާރަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހަވާލު ކުރި މައްސަލައަށް އިޝާރާތް ކުރައްވައި ރައީސް ވަހީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ވެރިކަން ބަދަލުވިޔަސް ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކަށް ރާއްޖެ އިން އިހްތިޒާމް ކުރާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ އިންޑިއާގެ އެންޑީޓީވީ އަށް އިންޓަވިއެއް ދެއްވާފަ އެވެ. އަދި މާދަމާ ސީއެންއެން އައިބީއެންއަށް އިންތަވިއުދެއްވާނެ އެވެ. ޓައިމްސް އޮފް އިންޑި އާއި އިންޑިއާ ޓުޓޭއާއި ހިންދުސްތާން ޓައިމްސްއާއި ދަ ޑެއިލީ ޓެލަގްރާފްއަށް ރައީސް އިންޓަވިއުއެއް ދެއްވާނެ އެވެ.