25 Sep 2023, 08:47
ވާއިދުން ކަސްރަތުކުރި ނަމަވެސް އޭގެ ސަބަބުން ހަށިގަނޑަށް މާ ބޮޑު ބަދަލެއް ނާންނަ ކަމަށް ބޮލީވުޑްގެ ތަޖުރިބާކާރު ބަތަލާ ވިދްޔާ ބާލަން ބުނެފިއެވެ.
އިންޑިއާގެ ޔޫޓިއުބު ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި ވިދްޔާ ބުނެފައި ވަނީ ހަށިގަނޑު ވަރުގަދަކޮށް ހުންނާތީ ބައެއް މީހުން ދެކޭގޮތުގައި ވިދްޔާ ކަސްތަރުކުރުމާ ވަރަށް ދުރުކަމަށެވެ. އެހެންނަމަވެސް އެއީ ކުށްހީއެއް ކަމަށާއި އޭނާ ކަސްތަރުކޮށް، ހެލިފެލިވެ އުޅެން ލޯބިވާ ކަމަށް ބުންޏެވެ.
ވިދްޔާ ކުޑަ އިރުއްސުރެ ވެސް ހުންނަނީ ވަރަށް ފަލަކޮށް ކަމަށާއި މިއަދާ ހަމައަށް ވެސް އާއްމުންގެ ފަރާތުން އެކަމަށް ފާޑުކިޔުން އަމާޒުވާ ކަމަށް 44 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ. ނަމަވެސް މިހާރު އެފަދަ ފާޑުކިޔުންތަކަށް އާދަވެފައިވާ އިރު ''ބާބީ''އެއްގެ ސިފައަށް ބަދަލު ވުމަކީ އެއްވެސް އިރެއްގައި ޝައުގުވެރިވި ކަމެއް ނޫންކަމަށް ވިދްޔާ ވަނީ ބުނެފައެވެ.
ވިދްޔާގެ މަންމައަކީ ވެސް ހަށިގަނޑު ފަލަކޮށް ހުންނަ އަންހެނަކަށް ވެފައި ކުޑައިރުއްސުރެ މަންމަ ވެސް ވިދްޔާގެ ބަރުދަން ލުއި ކުރަން ވަރަށް މަސައްކަތް ކުރިކަމަށް ޔޫޓިއުބް ޗެނަލްގެ ހޯސްޓު ލޫކް ކޯޓިންހޯ ގާތު ބަތަލާ ބުނެފައި ވެއެވެ. އަދި އެކަމާ ވަރަށް ގިނަ ފަހަރަށް މަންމައާ މައްސަލަޖެހި މަންމަ ދެކެ ރުޅި އަންނަ ކަމަށްވެސް ވިދްޔާ ވަނީ ބުނެފައެވެ.
ބަތަލާގެ ބަރުދަން ނުވަތަ ހަށިގަނޑުގެ ސިފައަށް އަންނަ ހެޔޮ ބަދަލުތަކާ ބެހޭގޮތުން ވެސް އެއްވެސް ފަރާތަކުން އެއްޗެއް ބުނަން ނޭދޭކަމަށް މި އިންޓަވިއުގައި ވިދްޔާ ވަނީ ބުނެފައެވެ. ލޫޅާފަތި ހަށިގަނޑެއް ނެތް ނަމަވެސް ވިދްޔާ ބާލަން އަކީ ހިންދީ ސިނަމާގެ އެންމެ ކާމިޔަބު މޮޅު ބަތަލާއިންގެތެރޭ ހިމެނޭ ފިލްމީ ތަރިއެކެވެ.
ފިލްމު ކުންފުނި ރޯއި ކަޕޫރު ފިލްމުސްގެ ވެރިޔާ އަދި ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރާ ކައިވެނިކޮށްގެން އުޅޭ ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ ޖުލައި މަހު ރިލީޒްކުރި ފިލްމު "ނީޔަތު"އިންނެވެ.