ބޮލީވުޑްގެ ޒުވާން އެކްޓަރު އިޝާން ހައްތަރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޗާންދްނީ ބައިންޒް އާއެކު ފުރަތަމަ ފަހަރަށް އާއްމުންގެ ތެރެއަށް ނިކުމެއްޖެއެވެ.

ޗާންދްނީ ބައިންޒް އަކީ މެލޭޝިޔާގެ ކުއާލަ ލަމްޕޫރަށް ނިސްބަތްވާ މޮޑެލް އެކެވެ. އިޝާން ހައްތަރު އާއި ޗާންދްނީގެ ގާތް ރަޙްމަތްތެރިއެއްގެ އެންގޭޖްމެންޓު ޙަފުލާ ނިންމާލުމަށް ފަހު ދެ މީހުން އެކީގައި ނުކުމެގެންދާ މަންޒަރު މީޑިއާ ރިޕޯޓަރުންނަށް ވަނީ ފެނިފައެވެ.

ފިލްމު އެކްޓަރު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ހައްތަރު ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ފިލްމު "ކާލީ ޕީލީ"ގެ ކޯ-ސްޓާ އަނަންޔާ ޕާންޑޭ އާއެވެ. އަނަންޔާ އާއި އިޝާން ތިން އަހަރު ވަންދެން ލޯބިވެރިންގެ ގޮތުގައި ތިބުމަށް ފަހު ވަކިވި ކަން އިއުލާނު ކުރީ މިދިޔަ އަހަރު އެވެ. އިޝާންއާ ވަކިވުމަށް ފަހު އަނަންޔާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މަޝްހޫރު އެކްޓަރު އަދިތުޔަ ރޯއި ކަޕޫރާ އެވެ. ދާދި ފަހުން ދެ ތަރިން އެކީގައި ޔޫރަޕަށް ޗުއްޓީ ހޭދަކޮށްލަން ދިޔަ ފޮޓޯތަކެއް ވެސް އިންޓަނެޓުގައި ވަނީ ދައުރުވެފައެވެ.

އިޝާން އާއި ޗާންދްނީގެ ގުޅުމުގެ ވާހަކަ ރަސްމީކޮށް އިޝާން އިއުލާނުކޮށްފައި ނެތް ނަމަވެސް މިއީ އަނަންޔާ ޕާންޑޭއާ ވަކިވުމަށް ފަހު އިޝާން އާއްމުންގެތެރެއިން އަންހެން ކުއްޖަކާއެކު ފެނުނު ފުރަތަމަ ފަހަރެވެ.

View this post on Instagram

A post shared by Varinder Chawla (@varindertchawla)

އިންޑިއާގެ މުމްބާއިގައި ދިރިއުޅޭ ޗާންދްނީއަކީ ބައެއް އިޝްތިހާރުތަކުން ވެސް ފެނިފައިވާ ފަރާތެކެވެ. ޗާންދްނީއަށް ބޮލީވުޑްގެ ނެޓްފްލިކްސް ފިލްމަކުން ފުރުސަތު ލިބުނުކަމަށް ވެސް އޭނާ ވަނީ އެންޑީޓީވީ އަށް ދިން އިންޓަވިއުއެއްގައި ތަންކޮޅެއް ކުރިން ބުނެފައެވެ. އެހެންނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެ ޕްރޮޖެކްޓް ފަހުން ހުއްޓުމަކަށް އައީ ކަމަށް ޗާންދްނީ ވަނީ ބުނެފައެވެ. ފިލްމު "ދަޅަކް"އިން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި އިޝާން އެންމެ ފަހުން ފެނިފައި ވަނީ ފިލްމު "ފޯން ބޫތު" އިންނެވެ.

އިޝާންގެ ކުރިޔަށްހުރި ފިލްމުތަކުގެތެރޭ "ޕިއްޕާ" އަދި ނެޓްފްލިކްސްގެ ސީރީސް އެއް ކަމަށްވާ "ދަ ޕާފެކްޓް ކަޕްލް" ހިމެނެއެވެ.