25 Sep 2023, 08:39
ވިޝާލް ބަރަދުވާޖު ޑައިރެކްޓްކޮށް 2014ވަނަ އަހަރު ރިލީޒްކުރި ފިލްމު "ހައިދަރު" ކުޅުނީ އެއްވެސް އަގަކާ ނުލާ ކަމަށް ފިލްމުގެ އެންމެ މުހިއްމު ރޯލް ކުޅުނު އެކްޓަރު ޝާހިދު ކަޕޫރު ބުނެފިއެވެ.
ދާދި ފަހުން ސްޓްރީމިންގް ޕްލެޓްފޯމްތަކުން ގެނެސްދޭ ވެބް ސީރީސްތައް ވެސް ކުޅެން ފަށާފައިވާ އެކްޓަރު ބުނީ ފިލްމަށް އަގެއް ނުކިޔުނު އެންމެ ބޮޑު އެއް ސަބަބަކީ ފިލްމު އުފެއްދި ފަރާތްތަކުން އެކަމަށް އެދުމުން ކަމަށެވެ.
ފިލްމު "ހައިދަރު"ގައި ޝާހިދު އަށް ކުޅެން ލިބުނު ރޯލުގެ ވަރުގަދަ ކަމާހުރެ ޝާހިދު އެ ފިލްމަށް އަގެއް ކިޔުނު ނަމަ މުޅި ފިލްމު ބަޖެޓަށް ފައްތަން އުނދަގޫވެ ފިލްމު ނުގެނެސްދެވިނާ ކަމުގެ ބިރު ވެސް ވިޝާލްއާއި އޭނާގެ ޓީމަށް ހީކުރެވުނު ކަމަށް ޝާހިދު ވަނީ ބުނެފައެވެ.
"ހައިދަރު"ގައި ޝާހިދު ކަޕޫރުގެ ރޯލް ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަމުން އޭރު އެކްޓަރު ބޭނުންވީ ކޮންމެ ފަދަ ހާލަތެއްގައި ވެސް އެ ފިލްމުގެ ހިއްސާ އަކަށް ވުމަށްކަމަށް ޝާހިދު ވަނީ ބުނެފައެވެ. ޝާހިދު ކަޕޫރު ފިލްމު ހިލޭ ކުޅެދިން ނަމަވެސް "ހައިދަރު"ގެ އެހެން ހުރިހާ ކާސްޓުންނަށް ވެސް ފިލްމު ކުޅުނު އަގު ޕްރޮޑަކްޝަން ކުންފުނިން ދިން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އިންޑިއާގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޝާހިދު ބުނީ ފިލްމު "ހައިދަރު" އަކީ ވަރަށް ތަފާތު ތަޖުރިބާއެއް ކުރެވުނު ފިލްމެއް ކަމަށާއި ފިލްމުތަކުން އަގު ނުނެގުމުގެ އާދަ މިހާރު ނުގެންގުޅޭ ކަމަށެވެ. ބަތަލާ ތައްބޫ، ޝްރަދާ ކަޕޫރު، ކޭ ކޭ މެނޮން އަދި ކުރީގެ އެކްޓަރު އިރުފާނު ޚާން މުހިއްމު ރޯލް ކުޅެފައިވާ "ހައިދަރު"އަކީ މަޝްހޫރު ވިލިއަމް ޝެކްސްޕެއަރު ލިޔެފައިވާ "ދަ ޓްރެޖެޑީ އޮފް ހެމްލެޓް، ޕްރިންސް އޮފް ޑެން މާކް" އަސްލަކަށް ބަލައިގެން އިންޑިއާގެ މުޖްތަމަޢަށް ފެތޭގޮތަށް އުފެއްދި ފިލްމެކެވެ.
ޖުމްލަ 350 މިލިއަން ރުޕީސްގެ ބަޖެޓަކުން އުފެއްދި މިފިލްމަށް ބޮކްސް އޮފީހުގައި 850 މިލިއަން ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ.