12 May 2012, 18:56
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކު އިންޑިއާގެ ރައީސާ މިސިޒް ޕްރަތީބާ ޕާޓިލާ މިއަދު ހަވީރު ބައްދަލުކުރައްވައިފި އެވެ.
އިންޑިއާގެ ރައީސާގެ ރަސްމީ ގަނޑުވަރުގައި އޮތް މި ބައްދަލު ކުރެއްވުމުގައި ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުގައި، އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާމެދު ބަހައްޓަވާ ގާތް ގުޅުން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ އިންޑިޔާ ދަތުރުފުޅަކީ، އިންޑިއާ ސަރުކާރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅަކަށްވުމާއެކު، މިއީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ލިބިވަޑައިގެންނެވި ރަނގަޅު ފުރުޞަތެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުންރާއްޖެއަށް އިންޑިއާ ސަރުކާރުގެ އެހީ މެދުނުކެނޑި ލިބެމުންދާކަން ވެސް ފާހަގަކުރެއްވި އެވެ.
އިންޑިއާގެ ރައީސާ މިސިޒް ޕްރަތީބާ ޕާޓިލް ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖެއަށް ދިމާވާ އެކިއެކި އުނދަގޫ ކަންތައްތަކުގައި އެހީވެދިނުމުގެ ފުރުސަތު ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ހުޅުއްވާލައްވާފައިވާތީ، ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ވަހީދުގެ އަނބިކަނބަލުން އިލްހާމް ޙުސައިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.