12 May 2012, 18:40
ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަނބިކަނބަލުން އިލްހާމް ޙުސައިން، އިންޑިއާގެ ނޭޝަނަލް ސެންޓަ ފޯ އޯޓިޒަމަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.
އިލްހާމް ޙުސައިނަކީ، ރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަންގެ ފައުންޑާ މެންބަރެއް ވެސްމެއެވެ. މި ޒިޔާރަތުގައި، އެކަމަނާ އެސެންޓަރު ބައްލަވާލައްވައި، އެ ސެންޓަރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، އޯޓިޒަމް ބަލީގެ ކުދިންނަށް އެ ސެންޓަރުން ފަރުވާދިނުމުގެ ކަންތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ހޯއްދެވިއެވެ.
އިލްހާމް ޙުސައިން ދެއްކެވި ވާހަކަފުޅުގައި، އޯޓިޒަމް ބަލީގެ ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު، އެބޭފުޅުންނަށް އެރުވިއެވެ. އަދި ރާއްޖޭގައި ތިބި އޯޓިޒަމް ކުދިންނަށް ފަރުވާދިނުމަށް ބޭނުންވާ މީހުން، އިންޑިއާގެ ނޭޝަނަލް ސެންޓާ ފޯ އޯޓިޒަމުން ތަމްރީނު ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް އެކަމަނާ ވާހަކަފުޅު ދެއްކެވިއެވެ.