ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި މައުރޫފް ޖަމީލްގެ ޗެއާމަންކަމުގެ ދަށުން މަސީގެ ބިލްޑާޒް އެވޯޑް ކޮމެޓީ އެކުލަވާލާ އެ ފަރާތްތަކަށް އެ ކަމުގެ ރަސްމީ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.

ބިލްޑާޒް އެވޯޑަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކުންފުނިތަކަށް މަސީން މި އަހަރު އަލަށް ތައާރަފްކޮށް ދޭން ފަށާ އެވޯޑެކެވެ. މަސީގެ ރައީސް މުހަންމަދު އަލީ ޖަނާހު (ޖަނާ) މިއަދު ވިދާޅުވީ ބިލްޑާޒް އެވޯޑް ކޮމެޓީން ކުރާނެ މަސައްކަތަކީ އެވޯޑް ލިބޭނެ ގޮތުގެ ކުރެޓީރިއާތަކާއި އަދި މާކްސް ދޭނެ ގޮތާއި އެވޯޑަށް ކުރިމަތިލުމަށް އިއުލާންކޮށް ކުރިމަތިލާ ފަރާތްތައް އިވެލުއޭޓް ކުރުން ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް މިނިވަން ކޮށް އެވޯޑްގެ ކެންތައްތައް ކުރިއަށް ގެންދަން ބޭނުންވަނީ، އަޅުގަނޑުމެން ބޭނުމެއް ނޫން އެކަމުގެ ތެރެއަށް ވަންނާކަށް، ވަރަށް މިނިވަންކޮށް އެބޭފުޅުން އަމިއްލައަށް ޖަލްސާތައް އޮންނާނެ ދުވަހާއި އެވޯޑް ހައްގުވާ ފަރާތްތަކުގެ ކަންތައްތައް ކުރިއަށް ގެންދާނީ،" ބިލްޑާޒް އެވޯޑް ކޮމެޓީ އިއުލާން ކުރުމަށް މިއަދު މޫކައި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ޖަނާ ސަން އޮންލައިން އަށް ވިދާޅުވި އެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ހަތް މެންބަރެކެވެ. އެ ކޮމެޓީ މައުރޫފް ޗެއާ ކުރައްވާއިރު މެންބަރުންގެ ގޮތުގައި ތިއްބަވަނީ ޕްރޮފެސެރާ ޑރ. ހަސަން އުގެއިލް އާއި ޑރ. މުހަންމަދު ޝިހާމް އާދަމާއި ޑރ. އަހުމަދު ޝާފިއު އާއި އަބްދުލް ބާރީ ޔޫސުފް އާއި އިސްމާއިލް އަލިމަނިކި އަދި މުހަންމަދު ޝަފީގެވެ.

ކޮމެޓީގެ ޗެއާމަން މައުރޫފް ވިދާޅުވީ ރާއްޖޭގައި ދޭ ފުރަތަމަ ބިލްޑާޒް އެވޯޑުގެ ޗެއާމަނަކަށް ވެވަޑައިގަތުމަކީ ލިބިވަޑައިގަތް އުފަލެއް އަދި ޝަރަފެއް ކަމަށާއި އިންސާފުވެރި ކަމާ ހަމަހަމަ ކަމާ އެކު އެ މަސައްކަތް ކުރިއަށް ގޮސް ނިންމާލައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިޔާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތްތައް ވަރަށް ހާމަކޮށް ބޮޑުކޮށް ނިންމާލެވޭނެ ކަމަށް އަޅުގަނޑު އުންމީދުކުރަން، މިކަން ވަރަށް އިންސާފުވެރި ކަމާ އެކި ކުރިއަށް ގެންދެވޭނެ،" މައުރޫފް ވިދާޅުވި އެވެ.

ރާއްޖޭގައި ބޭއްވޭ ފުރަތަމަ ބިލްޑާޒް އެވޯޑް ދިނުމުގެ ހަފްލާ ބާއްވަން ނިންމާފައިވަނީ މަސީގެ އަހަރީ ދުވަހާއި ދިމާކޮށް މި އަހަރުގެ 30 އޮކްޓޯބަރުގަ އެވެ. ޖަނާ ވިދާޅުވީ ބިލްޑާޒް އެވޯޑުގެ ސަބަބުން ކުންފުނިތައް ކުރިއަށް ދިޔުމާއި ބޭރު ދުނިޔޭގައިވެސް ކުންފުނިތަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވިގެންދާނޭ ކަމަށެވެ.

"ރާއްޖޭން ބޭރުގައިވެސް ކުންފުނިތަކުން ޕްރޮޖެކްޓްތައް ނަންގަވައިގެން އެބަ އުޅުއްވާ، އެހެންވީމައި ހަމަ އެފަދަ ކުންފުނިތަކެކޭ އެއްގޮތައް އެހެން ކުންފުނިތަކައްވެސް ކުރިއަރައިގެން ދިޔުމަށް ލިބޭ ފުރުސަތެއް މިއީ، އަޅުގަނޑުމެން ކަލަފުލް ސެލަބަރޭޝަންއެއް ބޭއްވުމަށް ވުރެ މި ބަލަނީ އެ މަގުސަދުގައި ކުންފުނިތަކަށް ކުރިއަރައިގެން ދިޔުމަށް ޗާންސެއް ދިނުން،" ޖަނާ ވިދާޅުވި އެވެ.

މަސީގެ ރައީސް އަށް ލަފާ އެރުވުމަށް އެކުލަވާލި ތިން މެންބަރުންގެ އެޑްވައިޒަރީ ކޮމެޓީއެއް ވެސް މިއަދު ވަނީ އިއުލާންކޮށްފަ އެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ މައުރޫފާއި އިބްރާހިމް ރަފީގު އަދި އިބްރާހިމް ވަހީދު އެވެ.

މަސީގެ މެންބަރުންގެ ގޮތުގައި ކޮންސްޓަރަކްޝަންގެ ދާއިރާގެ 46 ކުންފުންޏެއް ބައިވެރިވެ އެވެ.