އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްގެން ބާއްވާ އެއްވެސް އިންތިހާބަކަށް އެކޮމިޝަންގެ މުވައްޒަފަކު ނުފޫޒު ފޯރުވައިފިނަމަ، އެ މުވައްޒަފަކަށް އިތުރު ނަސޭހަތެއް ނުވަތަ އިންޒާރު ދިނުމެއް ނެތި ވަކިކުރެވޭ ގޮތަށް ކަނޑައަޅައި އެ ކޮމިޝަންގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

ގެޒެޓްކޮށްފައިވާ އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި އެކޮމިޝަންގެ ގަވާއިދުގެ 15 ވަނަ މާއްދާއަށް (ވ) ގޮތުގައި އިތުރުކޮށްފައިވާ މާއްދާގެ ދަށުން ގާނޫނުން ކަނޑައެޅިފައިވާ އިންތިހާބެއް އެކޮމިޝަނުން އިއުލާންކޮށްގެން ގަސްދުގައި އެއިންތިހާބަށް ހުރަސްއެޅުމުގެ ގޮތުން ނުވަތަ ނުފޫޒު ފޯރުވުމުގެ ގޮތުން އެކޮމިޝަންގެ އެއްވެސް މުވައްޒަކު ކުރި ކަމަށް އެކޮމިޝަނަށް ފެނިއްޖެ ހިނދެއްގައި އެއްވެސް ނަސޭހަތެއް އަދި އިންޒާރެއް ދިނުމެއް ނެތި އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ އިހުތިޔާރު ކޮމިޝަނަށް ލިބިގެންވެ އެވެ.

މީގެއިތުރުން އެކޮމިޝަންގެ ރަސްމީ ގަޑިއަކީ ހެނދުނު 8 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށް ކަމުގައި ކަނޑަޅައި އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންގެ އިތުރު ގަޑީގައި މަސައްކަތް ކުރާ ގޮތުގެ ތަފްސީލް ވެސް ވަނީ ބަދަލުގެނެސްފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސިޔާސަތުތައް ހާމަކޮށް އަދި ކޮމިޝަންގެ ނިންމުންތަކާ ގުޅޭ މައުލޫމާތުތައް މީޑިއާގެ ފަރާތްތަކަށް ދިނުމަށް ކުރިން ހަމަޖައްސާފައިވާ އުސޫލު ހަނިކޮށް، ހަމައެކަނި އެކޮމިޝަންގެ ރައީސް އަދި ނައިބް ރައީސް ދެއްވާ ގޮތަށް ވަނީ ގަވާއިދަށް އިސްލާހު ގެނެސްފަ އެވެ. އެއިން ބޭފުޅަކު ނެތް ނަމަ މީޑިއާއަށް މައުލޫމާތު ދެއްވާނީ އެކޮމިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ބޭފުޅެކެވެ.
އިލެކްޝަންސް ކޮމިޝަންގެ ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓްކޮށްފައި މިވަނީ އެކޮމިޝަންގެ މުވައްޒަފުންނަށް ލިވިންގް އެލަވަންސް ނުދީގެންނާއި އެކޮމިޝަންގެ ބައެއް މެންބަރުން މުވައްޒަފުންނާ މެދު ޒާދީ ގޮތެއް ގެންގުޅޭ ކަމަށް ބުނެ އެކަމުގެ ޝަކުވާ އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް ހުށަހަޅާފައި ވަނިކޮށެވެ.