12 May 2012, 16:53
ކ. ހިންމަފުށީ އައްސޭރި ޖަލު ނުވަތަ ކުރީގެ ގާމާދޫ ޖަލުގެ ސަރަހައްދުން 2009 އަހަރު ފެނުނު މިނިކަށިތަކަކީ ވ. ކެޔޮދޫ ބަށިގަސްދޮށުގޭ އަބްދުﷲ އަނީސް (އަތްބަޅޭ) އާ އެއްވެސް ގުޅުމެއް ހުރި ކަށިތަކެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
އަނީސްގެ މައްސަލަ ފުލުހުން އަލުން ބަލަން ފަށާފައި ވަނީ ލޯލެވެލް ސެކިއުރިޓީގައި ގައިދީން ގެންގުޅޭ އައްސޭރި ޖަލުގެ ގައިދީންތަކެއް ގަސް އިންދަން ކޮންނަނިކޮށް 19 ސެޕްޓެމްބަރު 2009ގައި އެތަނުން މިނިކަށިތަކެއް ފެނުމާ ގުޅިގެން، އެކަށި ތަކަކީ އަނީސްގެ ކަށިތަކެއް ކަމަށް ފެތުރުނު ވާހަކަތަކާ ގުޅިގެންނެވެ.
އައްސޭރި ޖަލުން ފެނުނު ކަށިތަކުގެ މައްސަލައިގައި ކުރި ތުހުމަތުތަކާ ގުޅިގެން ގާތްގަނޑަކަށް ތިން އަހަރު ވަންދެން ފުލުހުން ހިންގި ތަހުގީގާ ބެހޭ ގޮތުން އިސްކަންދަރު ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޕެޝަލިސްޓް ކޮމާންޑްގެ ޑެޕިއުޓީ ހެޑް، މުހައްމަދު ރިޔާޒް މިއަދު ވިދާޅުވީ އައްސޭރި ޖަލުން ފެނުނު އެ ކަށިތައް ދިވެހި ފުލުހުންގެ ލެބޯޓްރީން ތަހުގީގު ކުރުމަށް ފަހު ތައިލެންޑަށް ފޮނުވައިގެން ސާފުވެފައި ވަނީ އެކަށިތަކަކީ ފިރިހެނެއްގެ ކަށިތަކެއް ކަމާއި އެއީ އުމުރުން 25 އަހަރާއި 35 އަހަރާ ދެމެދުގެ މީހެއްގެ ކަށިތަކެއް ކަމެވެ. ނަމަވެސް އެއީ ކޮން ދުވަސް ވަރެއްގައި މަރުވެފައިވާ މީހެއްގެ ކަށިތަކެއް ކަން ސާފުނުވާތީ އެމެރިކާގެ ކެލިފޯނިއާގެ "ބީޓާ އެނޮލިކް ލިންކަށް" ފޮނުވައިގެން ކާބަން ޑޭޓިން ހެދުމުން ކަށިތަކުގެ އުމުރުގެ ރޭންޖެއް ދީފައިވާ ކަމަށެވެ. ނޫސްވެރިންނަށް މިއަދު ދައްކާލި އެ ރިޕޯޓުގައި ކަށިތަކުގެ އުމުރުގެ ރޭންޖަކަށް ދީފައި ވަނީ 950 އަހަރާއި 1050 އަހަރެވެ. ރިޔާޒް ވިދާޅުވީ ގާމާދު ޖަލުން ފެނުނު ކަށިތަކަކީ އަނީސްއާ އެއްވެސް ގުޅުމެއް ހުރި ކަށިތަކެއް ނޫން ކަމަށެވެ.
އަދި އަނީސް ގެއްލުމާ ގުޅިގެން ކުރި ތަހުގީގަށް ފަހު އެ މައްސަލަ ކްލޯޒް ކޮށްފައިވަނިކޮށް، ގާމާދޫ ޖަލުން ފެނުނު ކަށިތަކާ ގުޅިގެން ރިޔާޒު ވިދާޅުވީ އެކަށިތައް ވަޅުލާފައި ހުރީ އިންސާނަކު ވަޅުލާފައި އޮންނަ ގޮތަށް ވަކި ޕެޓާންއަކަށް ނޫން ކަމަށެވެ. އަދި ފެނިފައިވަނީ ވެސް ހަށިގަނޑުގެ އެއްބައިގެ ކަށިތައް ކަމަށާއި ތަހުގީގަށް ބޮޑަށް ބުރަވެވެނީ އެކަށިތަކަކީ މީހަކު މަރުވެގެން ވަޅުލާފައި ހުރި ކަށިތަކެއް ނޫން ކަމަށެވެ. ގާމާދޫން ފެނުނު ކަށިތަކުގެ ތެރޭގައި 14 ދަތާއި ކޯކަށިގަނޑުން ބަޔަކާއި ބޮލުގެ ނާށިގަނޑުގެ ދެ ބަޔަކާއި މައިބަދައިގެ ދެ ބަޔަކާއި މޭކަށިތަކެއް ކަމަށް ބެލެވޭ ބަޔަކާއި، ކުޑަހުޅާއި އުޅަބޮށީގެ ބައެއް ކަމަށް ބެލެވޭ ކަށިތަކެއް ހިމެނެ އެވެ.
ރިޔާޒު ވިދާޅުވީ އެކަށިތައް އެތަނުން ފެނިފައި ހުރި ކަމަށް ބެލެވޭ އެއްގޮތަކީ ކަށިތަކެއް ތަނަކުން ފެނިގެން ބަޔަކު ގެންގޮސް އެކަށިތައް ވަޅުލާފައި ހުރުން، ނުވަތަ އެތަނަކީ ތަކުރާރުކޮށް ކޮނެ ފަސްއަޅާފައި ހުރި ތަނަކަށް ވާތީ އެތަނަށް ގެންދިޔަ ފަސްތަކުގެ ތެރޭ ހުރި ކަށިތަކެއް ކަމަށްވުމެވެ.
އަދި ހަށިގަނޑެއް ވަޅުލާތަނެއްގައި ހަށިގަނޑު ހަލާކުވެގެން ދިއުމުން ފެންނަފަދަ އެއްވެސް ނިޝާނެއް، އަދި އެކަހަލަ އެއްވެސް "އެންޓޮމޮލިޖިކަލް ފެކްޓާ" އެއްވެސް ފެނިފައިނުވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ. ރިޔާޒު ވިދާޅުވީ އެ ސަރަހައްދުގައި ހަށިގަނޑެއް އޮވެގެން ކުނިވެގެން ގޮސްފައިވާ ކަމަށް ފޮރެންސިކަށް ފާހަގަ ނުކުރެވޭ ކަމަށް ފުލުހުންގެ ފޮރެންސިކް އެކްސްޕާޓުން ވެސް ވިދާޅުވެފައިވާ ކަމަށެވެ.
އަނީސް ގެއްލުމުގެ ކުރިން:
ގާމާދޫޖަލުގައި ހުއްޓައި އަނީސް މަރުވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ފުލުހުން ފުޅާދާއިރާއެއްގައި ކޮށްފައިވާ ތަހުގީގުތަކާ ގުޅޭ ގޮތުން ހަދާފާއިވާ ޗާޓުން އެނގޭ ގޮތުގައި 1964 ވަނަ އަހަރު އަނީސް އުފަން ވެފައިވަނީ، އޭނާގެ މަންމަ ގދ.ތިނަދޫ ބަރާސީލު އަވަށު މަރިޔަމް ދީދީ 1960ގެ އަހަރުތަކުގެ ކުރީކޮޅު ޒިނޭގެ މައްސަލައެއްގައި ކޮޔޮދުއަށް އަރުވާލާފައިވަނިކޮށެވެ. އަދި ކެޔޮދޫ މުހައްމަދު ގާސިމާއި އިންދެ ތިންފަށްވެފައިވެގެން، ފަށްކަނޑަށް ކެޔޮދޫ އަބުދުލްކަރީމް ޔޫސުފާ ކައިވެކޮށްފައިވަނިކޮށް އަނީސްއަށް ބަލިވެ އިންދާ އެދެމީހުންގެ ކައިވެނި ރޫޅިފައިވެ އެވެ.
އަދި އޭގެ ފަހުން މަރިޔަމް ދީދީ ގާސިމް އާއި އިނދެ އަންހެން ކުއްޖެއް ލިބި މާގިނަ ދުވަސްތަކެއް ނުވެ މަރިޔަމް ދީދީ ވަނީ މަރުވެފަ އެވެ. އަދި ކުޑަ އަންހެން ކުއްޖާވެސް ވަނީ މަރުވެފަ އެވެ. މަރިޔަމްދީދީ މަރުވުމުން އަނީސް ބަލަހައްޓާފައި ވަނީ އޭނާގެ ދޮންބައްޕަ ގާސިމެވެ. އަދި މަރިޔަމް ދީދީ ނިޔާވުމުން ގާސިމް ވަނީ އަނީސް ގޮވައިގެން މާލެ ބަދަލުވެފަ އެވެ. އުމުރުން 15 އަހަރުން ފެށިގެން ތަފާތު އެކި ކުށްކުށުގައި ހައްޔަރުކޮށް އަރުވާލި އަނީސް އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ އިސްލާމީ މަރުކަޒު ހުރި ތަނުގައި ކުރިން ހުރި "މާލޭ ޖަލުގައި" 1979 ވަނަ އަހަރެވެ.
އަދި އިސްލާމީ މަރުކަޒު ހުރި މާލޭ ޖަލުން 22 މީހުން ގާމާދޫއަށް 1982 ވަނަ އަހަރު ބަދަލު ކުރިއިރު އެމީހުންގެ ތެރޭ ވެސް އަނީސް ހިމެނެ އެވެ.
1983 ވަނަ އަހަރު ގާމާދޫ ޖަލު އުފެދުނު އިރު އެތަނުގައި ވަޒީފާ އަދާކުރި މީހަކު ބުނެފައި ވަނީ ގާމާދޫ ޖަލު އުފެދުނު ދުވަސްވަރު އަނީސް ޏ. ފުވައްމުލަކަށް އަރުވާލި ކަމަށެވެ. އަދި އަނީސް ފުވައްމުލަކަށް އަރުވާލާފައި ހުއްޓައި ބޮއްކުރައެއްގައި ފިލައިގެން ދަނިކޮށް ގދ. ފިޔޯރީއާއި ދިމާލު ބޭރުން ހޯދައިގެން އައްޑުއަށް ގެންގޮސް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އައްޑޫން މާލެ ގެނެސް ވިލިނގިލީ ޖަލުގައި ބެހެއްޓުމަށްފަހު ގިރިފުށީގައި ހުންނަ ޓިނު ގޮޅިއަށް ވެސް އަނީސް ބަދަލުކޮށްފައިވާކަން ފުލުހުން ތައްޔާރުކޮށްފައި ހުރި ތަހުގީގު ޗާޓު ތަކުން އެނގެ އެވެ.
އަދި 1983 އަހަރުގެ ކުރީ ކޮޅު އަނީސްއާ އިތުރު މީހަކު ޖަލުން ފިލައިގެން ގޮސް ބޮއްކުރައެއްގައި ވާދޫ ކަނޑުތެރޭގައި އުޅެނިކޮށް ހޯދައި ދޫނިދޫއަށް ގެންގޮސްފައި ވެއެވެ. އެފަހަރު އަނީސްއަށް ވަރަށް އަނިޔާކުރި ކަމަށް ދެމީހެއްގެ ގާތުގައި ބުނެފައިވާ ކަމަށް ވެއެވެ.
މީގެ އިތުރުން ވެސް 1983 އަހަރު އަނީސް ކޮނޑޭއަށް އަރުވާލަފައި ހުއްޓައި އޭނަގެ ފަރާތުން ވައްކަމުގެ މައްސަލަތަކެއް ދިމާވެގެން ތަހުގީގުކޮށްފަ ވެއެވެ. އަދި ހަމަ އެ އަހަރުގެ ޑިސެމްބަރު މަހު އޭނަ މާލެގެނެސް ޖަލަށް ލާފައިހުއްޓައި ބަޔަކު މީހުންނާއެކު ފިލާފައިވާ ކަމަށް ޖަލުގެ ރިކޯޑްތަކުން ފެނިފައިވެއެވެ.
އޭގެފަހުން ދެންފެންނަ ރިކޯޑްތަކުން އެންގޭ ގޮތުގައި 19 ޖުލައި 1984 ގައި އަނީސް ހޯރަފުއްޓަށް އަރުވާލާފައި ވެއެވެ. އަދި 1ސެޕްޓެމްބަރު 1984 ގައި އެރަށުގެ ދޯންޏެއް ކަނޑާލައިގެން ހއ. މޮޅަދުއަށް ފިލައިގެން ގޮސްފައިވެ އެވެ. އަދި އެގޮތަށް ރަށްރަށުގެ މީހުންގެ ދޯނި ކަނޑާލައިގެން އަނީސް ގޮސްފައިވާތީ އަތޮޅު ވެރިޔާއަށް، ދޯނިތަކުގެ ވެރިން ބަދަލު ހޯދުމަށް އެދުވަސްވަރު ސިޓީ ފޮނުވާފައި ވެއެވެ. މީގެ އިތުރުން ވެސް އަނީސް 1984 ވަނަ އަހަރު ހއ. އަތޮޅަށް އަރުވާލާފައިހުރިއިރު، ބައެއްމީހުންގެ ފަރާތުން ކޮށްފައިހުރި ޝަކުވާތަކާ ގުޅިގެން އޭރުގެ ހއ. އަތޮޅު އޮފީހުން ރައީސުލްޖުމްހޫރިއްޔާ އޮފީހަށް އަނީސް ގެއްލުނު ފަހުން 1987 ވަނަ އަހަރު ވެސް ސިޓީއެއް ފޮނުވާފަ ވެއެވެ.
އަނީސް ގެއްލިފައިވަނީ ގއ. ދިޔަދޫ އަށް އަރުވާލާފައި ހުއްޓައި 1985 ސެޕްޓެމްބަރު 25 ވަނަ ދުވަހުގެރޭ މީހެއްގެ ބޮއްކުރައެއް ކަނޑާލައިގެން ވަގަށް ފިލައިގެން ދިޔަފަހުން ނެވެ. އޭގެ ފަހުން މިހާތަނަށް ވެސް ވީނުވިއެއް އެނގިފައެއްނުވެ އެވެ. އަދި އަނީސް ފިލައިގެން ދިޔަ ރެއަކީ މޫސުންގޯސް ރެއެއްކަން ވެސް އެދުސްވަރު އެރަށުގެ ތިބި މީހުން މައުލޫމާތު ދީފައިވެ އެވެ. އެރޭގެ ފަހުން އަނީސްއާ ދިމާވި މީހަކުވެސް، އޭނަގެ އެއްވެސް ޕޮލިސް ރެކޯޑެއް ފެންނަން ނެތްއިރު، މިހާތަނަށް ވެސް ވީނުވީ އެއްނޭންގެ އެވެ. އަދި އަނީސް އަރައިގެން ދިޔަ ބޮއްކުރާ ވެސް ލައިގެން ހުރި އެއްޗެއް ވެސް މިހާތަނަށް ފެނިފައިނުވެ އެވެ.
އަނީސްއާ އެކު އެރަށަށް އަރުވާލާފައި ހުރި ބައެއް މީހުންގާތު އޭނާ ފިލަން އުޅޭވާހަކަ އަނީސް ގެއްލުމުގެ ކުރިން ބުނެފައިވާ ކަމަށް ވެސް ތަހުގީގު ސުވާލުކޮށްފައި ހުރި މީހުން ބުނެފައި ވެއެވެ.
ރިޔާޒު ވިދާޅުވީ އަނީސްއާ ގުޅުން ހުރި މީހުންނާ އޭނާއާ ބައްދަލުވި މީހުންނާ ބައްދަލުކޮށް ހިންގި ތަހުގީގު ތަކުން އެނގުނު ގޮތުގައި އަނީސް މަރުވެފައި ވަނީ ޖަލުގައި ހުއްޓައި ނޫން ކަން އެނގޭ ކަމަށެވެ. އަދި ގއ. އަތޮޅަށް އަރުވާލުމަށް ގެންދިއުމަށް ދިޔަ ދޯނީގެ މީހުންނާ ޒާތީ މުއާމަލާތްތައް ހިންގާފައި ހުރި މީހުންނާ ވެސް ސުވާލު ކުރިއިރު، އެމުއްދަތުގައި އޭނަ އެރަށްރަށުގައި ހުރި ކަމަށް އެމީހުން ބުނެފައިވާ ކަމަށެވެ.
"މިމައްސަލައިގައި ގާމާދޫ ޖަލު ސަރަހައްދުން ފެނުނު ކަށީތަކުގެ ފޮރެންސިކް ތަހުލީލު ރިޕޯޓުތަކާއި މައުލޫމާތުގެ އަލީގަ އަބުދުﷲ އަނީސް ޖަލުގައި މަރުވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް އޮތް ވާހަކަތަކެއް ނުބެލެވޭތީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ނިންމާފައިވަނީ މިމައްސަލަ ފައިލް ކުރުމަށްފަހު ކްލޯޒް ކުރުމަށް،" ރިޔާޒު ވިދާޅުވި އެވެ.
ކ. ހިންމަފުށީ އައްސޭރި ޖަލު ނުވަތަ ކުރީގެ ގާމާދޫ ޖަލުގެ ސަރަހައްދުން ފެނުނު މިނި ކަށިތަކާ ގުޅޭގޮތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެއީ އަނީސްގެ ކަށިތަކެއް ކަމަށެވެ.
"އަޅުގަނޑު ހިތަށް އެރީ މި ކަށިތައް ވާނީ ވ. ކެޔޮދޫ ބަށިގަސްދޮށުގޭ އަބްދުﷲ އަނީސްގެ ކަށިތަކަށޭ. ތިޔަ ބޭފުޅުން އަޖައިބުވާނެ އަޅުގަނޑު މިހެން ދެންނެވީމަ. އަޅުގަނޑު ހިތަށް އެރީ އެވާނީ އަތްބަޅޭ އަށޭ!" ރައީސް ވިދާޅުވި އެވެ. "މިދަންނަ ވާހެން އެ މީހަކީ އަބްދުﷲ އަނީސް"