23 Sep 2023, 21:51
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޒައާމަތުގައި، ސައޫދީ އަރަބިއްޔާއާ ރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނޭކަމުގެ ޔަޤީންކަން ނައިބު ރައީސް ފައިސަލް ނަސީމް ދެއްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސައޫދީ އަރަބިއްޔާގެ 93 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ކުރުނބާ ވިލެޖުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދާއި ވަލީއަހްދު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދާއި ސައޫދީ އަރަބިއްޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އާއި ސައޫދީ އަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިގުޅުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ރާއްޖެއާ ސައޫދީ އަރަބިއްޔާއަކީ، ދީނީގޮތުންނާއި ސަޤާފީގޮތުން އަދި ތާރީޚީގޮތުން ވެސް ގާތްގުޅުންތަކެއް އޮތް ދެ ޤައުމުކަން ފާހަގަކުރެއްވިއެެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ހިޖާޒުކަރަ އާއި ނަޖުދުކަރަ އެކުވެ، ކިންގްޑަމް އޮފް ސައޫދީ އަރަބިއްޔާ އުފެދިގެން އައިގޮތުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވިއެވެ. އަދި ފާއިތުވި ތަނުގައި، ސައޫދީ އަރަބިއްޔާއަށް އައިސްފައިވާ ބަދަލުތަކާއި، އުމްރާނީ ތަރައްޤީއާއި އިޤުތިސާދާއި ތައުލީމާއި ސިއްހަތާއި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި އެކަންކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ތައުރީފްކުރެއްވިއެވެ.
ރާއްޖެއާ ސައޫދީ އަރަބިއްޔާގެ މެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މިހާތަނަށް ދެޤައުމުގެ ގުޅުންތައް ބަދަހިވެ ކުރިއަރައިގެން ގޮސްފައި ވަނީ، ދެޤައުމުގެ އިސްވެރިން ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.
މިގޮތުން، ދިވެހިންނަށް އީ-ވިސާ އަދި އޮން އެރައިވަލް ވިސާ ދިނުމަށް މިއަހަރު ސައުދީ ސަރުކާރުން ނިންމި ނިންމުމަކީ ދެޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގައި ކުރިޔަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޒައާމަތުގައި، ސައޫދީ އަރަބިއްޔާއާ ރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނޭކަމުގެ ޔަޤީންކަންވެސް ނައިބު ރައީސް ވަނީ ދެއްވާފައެވެ.
ދރާއްޖެއާ ސައޫދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 17 މާރިޗު 1981 ގައެވެ.