12 May 2012, 15:58
ނިއުދިއްލީން ހުސައިން ހަސަން
ބަޖެޓް ދަރަނި ފޫބައްދަން އިންޑިއާއިން އެހީތެރިވެދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ނިއުދިއްލީ ތާޖު ޕެލަސް ހޮޓެލްގައި ދިވެހި ނޫސްވެރިންނާއެކު ބޭއްވި ނިއުސްކޮންފަރެންސެއްގައި ސަން އޮންލައިނުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ދަރަނި ފޫބެއްދުމަށްޓަކައި އިންޑިއާއިން އެހީވެ ދޭނެ ކަމުގެ ޔަނީންކަން އިންޑިއާއިން ދީފައިވާ ކަމަަށެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އިންޑިއާއިން އަބަދުވެސް އެހީތެރިވާނެ ކަމަށާއި އިންޑިއާ އޮތީ ރާއްޖެއާ އެކު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަނަށް ބޮޑުވާނެ ކަމަށް މާލިއްޔަތު ކޮމެޓީން އަންދާޒާކޮށްފައިވާ މައްސަލާގައި ރައީސް ވިދާޅުވީ ބަޖެޓްގެ ހާލަތު ގޯސްވާން ދިމާވި ސަބަބަކީ މިދިޔަ އަހަރުގެ ބިލްތަކަކަށް ދައުލަތުން ފައިސާ ނުދައްކާތީ ކަމަށެވެ. އަދި އެބިލްތަކުގެ ފައިސާ ދެއްކުމަށް ދެ ބިލިއަނެއްހާ ރުފިޔާ ހަރަދު ކުރަންޖެހިފައިވާ ކަމަށެވެ.
އިންޑިއާގެ ސަރުކާރުގެ އިސްބޭފުޅުންނާއެކު ބޭއްވި މަޝްވަރާތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްދިސާދީ ހާލަތާ ގޮތާ ބެހޭ ގޮތުން ވެސް އިންޑިއާގެ ސަރުކާރާ ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. އަދި އައިއެމްއެފްގެ ފަރާތުން ރާއްޖެއަށް ދީފައިވާ ލަފާޔާ އެއްގޮތަކަށް ސަރުކާރުގެ ކުންފުނިތަކާއި އެކި އިދާރާތަކަށް އަންގާފައިވާނެ ކަމަށް ވެސް އިންޑިއާގެ ސަރުކާރުގެ ބޭފުޅުންގެ އަރިހުގައި ވިދާޅުވި ކަމަށެވެ.
ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން އެހީތެރިވެދެއްވާނެ ކަމަށް އެއްބަސްވެވަޑައިގެންނެވިއިރު ގެދޮރު އިމާރާތް ކުރުމަށް އެގްޒިމް ބޭންކުން ރާއްޖެއަށް ދިނުމަށް ނިންމާފައިވާ 40 މިލިއަން ޑޮލަރު ވަރަށް އަވަހަށް ލިބޭނެ ކަމުގެ ޔަނީންކަން ލިބިވަޑައިގެންފައިވާ ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ބަޖެޓް ސަޕޯޓްގެ ގޮތުން ރާއްޖެއަށް ކޮންމެވެސް އެހީއެއް ވެދެއްވާނެ ކަމަށް ވަނީ އިޝާރާތްކުރައްވާފަ. ދެން އޭގެ އަދަދުތައް އަޅުގަނޑު ނުދެންނެވި ނަމަވެސް އޭގެ އިތުރުން ގެދޮރު އެޅުމަށްޓަކައި އެގްޒިން ބޭންކުން ދެއްވަން އެއްބަސްވެވަޑައިގެންފައިވާ 40 މިލިއަން ޑޮލަރު ވަރަށް އަވަހަށް އަޅުގަނޑުމެންނަށް ލިބޭނެ ކަމުގެ އުންމީދު ވަނީ ދެއްވާފައި،" އިންޑިއާގައި ތިބި ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ރައީސް ވަހީދު ވިދާޅުވި އެެވެ.
އެމަނިކުފާނު ވިދާޅުވީ އިންޑިއާއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ރާއްޖެއަށް ވަރަށް ބޮޑު އެހީއެއް ލިބިގެންދާނެ ކަން ކަށަވަރުވެއްޖެ ކަމަށެވެ. "އެހެންވީމާ އަޅުގަނޑު އުންމީދު ކުރާ ގޮތުގައި ފުދޭވަރެއްގެ ބޮޑު އެހީއެއް މި ދަތުރާ ގުޅިގެން އަޅުގަނޑުމެންނަށް ރާއްޖޭއަށް ލިބިގެންދާނެ. އެކަން ކަށަވަރުކޮށްދެއްވި،"
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުލޭއާ ބެހޭ ގޮތުން އެެމްޑީޕީން ކުރި ތުހުމަތުތަކާ ގުޅިގެން ރައީސް ވިދާޅުވީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި އެމްޑީޕީގެ ބޭފުޅުން ކުރެރއްވި ކަމެއް ކަމަށެވެ. އަދި އެފަދަ ވާހަކަތަކެއް ކިތަންމެ ވަރަކަށް އެމްޑީޕީ ފެތުރި ނަމަވެސް އިންޑިއާއިން އެކަމާ ބެހޭ ގޮތުން އެއްވެސް ސުވާލެއް ނުކުރައްވާ ކަމަށެވެ.
ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ރައީސާ ޕްރަތީބާ އާއި ބޮޑު ވަޒީރު މަންމޯހަން ސިންގު އިންޑިއާގެ ހާރިޖީ ވަޒީރާއި އެ ގައުމުގެ ޑިފެންސް އެޑްވައިޒަރާ ރައީސް މިއަދު ބައްދަލު ކުރެއްވި އެވެ. އަދި ރައީސް ވަހީދު ސޯނިޔާ ގާންދީއާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.