12 May 2012, 15:45
މާލޭ މަސްމާރުކޭޓު ކައިރިން ބާރު ސްޕީޑެއްގައި އިއްޔެ ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި ސީރިއަސް ޒަހަމްތަކެއް ލިބުނު ބިދޭސީއަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ހަވީރުގެ ވަގުތެއްގައި ހިނގި އެ އެކްސިޑެންޓްގައި އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މަރުވީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މުހައްމަދު ތާޖުލް އިސްލާމް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ ސައިކަލް ދުއްވަން އިން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ހައްޔަރުކޮށްފަ އެވެ.
އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ މަސްމާރު ކޭޓް ކައިރިން އެ ސައިކަލް ވަރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދަނިކޮށް ކަމަށާއި އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
އެ ކަމާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.