ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަޝްރޫއު މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ތިނެއްގައި 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

އާބަންކޯއިން ބުނީ މި މަޝްރޫއަކީ މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގެމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެއް ކަމަށެވެ.

"މި މަޝްރޫއަކީ މާލޭގެ ގިނަ ރައްޔިތުންނެއް އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަ ބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫޢުއެއް،" އާބަންކޯއިން ބުންޏެވެ.

ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަޝްރޫއު-- ފޮޓޯ/ އާބަންކޯ

އާބަންކޯއިން ބުނީ ހުޅުމާލޭގައި މިހާރު ތަރައްގީ ކުރަމުންދާ އެހެން ފިޔަވަހިތަކެކޭ އެއްފަދައިން ތިންވަނަ ފިޔަވަހީގައި ވެސް ރައްޔިތުންނަށް ލުއިފަސޭހަ ވާނޭހެން ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މަގުތައް ހަދާ، ބުރިޖުގެ އިތުރުން ޕާކްތައް ވެސް ގާއިމްކުރާނެއެވެ.

އާބަންކޯއިން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްލޭންގެ ދަށުން ހުޅުމާލެ ފޭސް ތިނެއްގެ އިތުރުން ކުޑަގިރި، ތިލަފުށި، ގުޅިފަޅު އަދި ދިޔަނެރު ފަޅުގެ ތަފާތު މަޝްރޫއުތައް މިހާރުވެސް ކުރިއަށް ދަމުން އަންނަ ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން އެ ސަރަހައްދުން 700 ގޯއްޗެއް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން، މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ އެއްބަސްވުމުގައި ސޮއިކޮށް، އިން ކަނޑައި، ގޯތި ދިން އެންމެ ފުރަތަމަ މީހާ-- ސަން ފޮޓޯ/ މާހިލް އާތިފް

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުނަށް ހުޅުމާލެއިންނާއި ގުޅީފަޅުން ގޯތި ދޫކުރަން މިހާރު ވަނީ ފަށާފައެވެ.

އެ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން، ދާއިމީ ލިސްޓުގައި 19،865 މީހުންގެ ޝަރުތު ހަމަވާ ކަމަށް އޮތެވެ. ހައުސިން މިނިސްޓްރީން ބުނަނީ މިހާރު ލިބެން އޮތް ބިމުން، އޭގެ ތެރެއިން 18،955 މީހަކަށް ގޯތި ލިބޭނެ ކަމަށެވެ.

ބާކީތިބި 684 މީހުންނަށް ގޯތި ދޭނީ ފަހުން އިތުރުވާ ބިމުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 25 އަހަރުން ދަށުގެ، ކައިވެންޏެއް ނުކުރާ، ދަރިއެއް ވެސް ނެތް މީހުން ކަމަށް މިނިސްޓްރީން ބުނެއެވެ.