08 Aug 2010, 14:29
19:28
ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް އައިސްފައިއޮތް މައްސަލައިގައި، ހިޔާލު އެއްގޮތް ކުރުމަށް މަޝްވަރާކުރުމަށް އަދި އެއްފުރުސަތު ޕާޓީތަކަށް ދެއްވުމަށްފަހު އަންގާރަދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް ހުއްޓުމަކަށް އައިސްފައިވާ މައްސަލައާ ބެހޭ މައުލޫމާތު ދެއްވަމުން އަބުދުﷲ ޝާހިދު މިއަދު ވިދާޅުވީ، ބޮޑު ދެ ޕާޓީގެ މެދުގައި ހިޔާލު ތަފާތުވެފައިވަނީ، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމުގައި މައްސަލަތައް ތަރުތީބު ކުރުމާބެހޭ ގޮތުން ކަމަށެވެ. އެގޮތުން އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ހަމަޖައްސަވާފައިވާ ނަންފުޅު، ފާސްކުރެއްވުމަށްފަހު، ފަނޑިޔާރުންގެ ބިލާއި އެހެން ކަންތައްތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ބޭނުންވާއިރު، ޑީއާރުޕީން ބޭނުންވަނީ، ފަނޑިޔާރުންގެ ބިލު ފުރަތަމަ ނިންމުމަށްފަހު، އެ ގާނޫނުގައި ބުނާ ފަނޑިޔާރުންނާ އެކު އުއްތަމަ ފަނޑިޔާރުގެ ނަންފުޅު ފާސްކުރުމަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. މި މައްސަލައިގައި ދެ ޕާޓީގެ ހިޔާލު އެއްގޮތް ކުރެވޭތޯ، މިއަދު ވެސް މަސައްކަތް ކުރެއްވި ކަމަށާއި، މާދަމާ ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އަދި ވިދާޅުވީ، އިންތިގާލީ މަރުހަލާގައި ނިންމަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ނުނިމިވާ ކަންތައްތަކުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުން އުފުލަން ޖެހޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ މިއަދު ބައްދަލުކުރައްވައި، އިންތިގާލީ މަރުހަލާގައި ނުނިމި ހުރި ކަންތައްތަކާ ބެހޭ މައުލޫމާތު އެމަނިކުފާނަށް އަރުވައި، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ދެއްވެން އޮތް އެހީތެރިކަމެއް ދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.