22 Sep 2023, 10:36
ސައުތު ސިނަމާގެ މަޝްހޫރު ބަތަލާ ތުރިޝާގެ ފިލްމު "ދަ ރޯޑް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
ކުރިޔަށް އޮތް އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމަކީ ވަރަށް ވަރުގަދަ ތުރިލާއެކެވެ. ބަތަލާ ތުރިޝާއަކީ ސައުތު ސިނަމާގެ އިތުރުން ބޮލީވުޑް ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައިވެސް ވަރަށް މަގުބޫލު ބަތަލާއެކެވެ.
ވަރުގަދަ ބަދަލު ހިފުންތަކެއް ދައްކުވައިދޭ މި ފިލްމު ޓްރެއިލާ ރިލީޒްކޮށްފައިވާއިރު ފިލްމު ސިނަމާތަކަށް އަންނާނީ ތަމަޅަ ތެލުގޫ އަދި ހިންދީ ބަހުންނެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ މީގެ ކުރިންވެސް ތުރިޝާއާއެކު މަސައްކަތްކޮށްފައިވާ އަރުންއެވެ. ފިލްމު ޑައިރެކްޓްކުރުމުގެ އިތުރުން ފިލްމުގެ ވާހަކަ ލިޔެ ތައްޔާރުކޮށްފައި ވަނީ ވެސް އަރުންއެވެ.
މި ފިލްމުގައި ދައްކުވައިދޭ ހާދިސާތައް ބިނާކޮށްފައިވަނީ 2000ގެ އަހަރުތަކުގެ ތެރޭ ހިނގާފައިވާ ހަޤީޤީ ޙާދިސާތަކެއްގެ މައްޗަށެވެ. އޭގެތެރޭގައި ސައުތު ނެޝަނަލް ހައިވޭ 44ގައި ހިނގާފައިވާ ބައެއް އެކްސިޑެންޓުތަކުގެ ތަފުސީލުވެސް މި ފިލްމުން ފެންނާނެއެވެ.
ފިލްމުގައި ތުރިޝާ ފެންނާނީ މި ހާދިސާތައް ހައްލުކުރުމުގައި އެހީތެރިވެދޭ ނޫސްވެރިއެއްގެ ރޯލްއިންނެވެ. ތަމަޅަ އަދި ތެލުގޫ ފިލްމުތަކުން ފެންނަ ބަތަލާ ތުރިޝާއަކީ، 1999ވަނަ އަހަރު މިސް ޗެންނާއީގެ ތާޖު ކާމިޔާބުކުރި ފަރާތެކެވެ. ތުރިޝާ ކުޅުނު ހިންދީ ފިލްމުތަކުގެތެރޭ ފިލްމު "ކައްޓާ މީތާ" ފާހަގަކޮށްލެވެއެވެ. މި އަހަރު ރިލީޒްވި ޑައިރެކްޓަރު މަނީ ރަތުނަމްގެ ފިލްމު "ޕޮނީއިން ސެލްވަން"ގެ މުހިއްމު ރޯލްއިން ފެނުނު ބަތަލާގެ ވަރަށް ވަރުގަދަ ދެ ފިލްމެއް މިއަހަރު ފަހުކޮޅު ރިލީޒްކުރުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. އެއީ ދެކުނު ސިނަމާގެ ލެޖެންޑުންކަމަށްވާ ވިޖޭއާއި މޯހަން ލާލްއާއެކު ކުޅޭ ދި ފިލްމެވެ.