22 Sep 2023, 10:30
މިމަހުގެ ހަތް ވަނަ ދުވަހު ރިލީޒްވެ ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ފިލްމުގެ ޑައިރެކްޓަރު އެޓްލީ ބޭނުންވަނީ ބޮލީވުޑްގެ އިތުރު ފިލްމުތަކެއްގައި މަސައްކަތް ކުރުމަށް ކަމަށް އޭނާ ބުނެފިއެވެ.
ތަމަޅަ ފިލްމުތަކުގައި މަސައްކަތްކޮށް ގިނަ ކާމިޔާބީތައް ހާސިލުކޮށްފައިވާ ޑައިރެކްޓަރުގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ "ޖަވާން"އެވެ.
އެޓްލީ ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އިތުރު ބޮލީވުޑް ފިލްމު އުފެއްދުމުގެ ވިސްނުން އެބަހުރި ކަމަށާއި އެކްޓަރު ސަލްމާނު ޚާން، ރަންބީރު ކަޕޫރު، ރަންވީރު ސިންގް އަދި ރިތިކް ރޯޝަން ފަދަ ތަރިންނާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.
ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި އެޓްލީ ބުނީ ބޮލީވުޑްގެ ފިލްމީ ތަރިންގެ އިތުރުން ދެކުނު ސިނަމާއަށް ނިސްބަތްވާ ބައެއް ތަރިންނާއެކުވެސް މަޝްވަރާތައް ކުރިޔަށް ދާކަމަށެވެ. އެޓްލީއަކީ ވަކި މީހަކަށް ނިސްބަތްކޮށްގެން ފިލްމު އުފައްދަން ބޭނުންވާ ފަރާތެއް ނޫން ކަމަށާއި ފިލްމީ ދާއިރާއަކީ އޭނާ ވަރަށް ލޯބިކުރާ ދާއިރާއެއް ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ. އެހެންވެ ފިލްމީ ދާއިރާއަށް ލޯބި ހުރި ކޮންމެ ފަރާތަކާއެކު ވެސް މަސައްކަތް ކޮށްލަން ލިބުމަކީ ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށް އެޓުލީ ވަނީ ބުނެފައެވެ.
ފިލްމެއް މުއްސަނދިވަނީ އެ ފިލްމަށް ހުށަހަޅާ ބަޖެޓުން ނޫން ކަމަށާއި ރަގަޅު ސްކްރިޕްޓެއް ފިލްމަކަށް ލިބުމަކީ ވަރަށް ބޮޑު ނިޢުމަތެއް ގޮތުގައި އެޓުލީ ވަނީ ސިފަކޮށްފައެވެ. އެފަދަ ސްކްރިޕްޓެއް ލިބޭ ދުވަހަކުން ބޮލީވުޑްގެ އިތުރު ފިލްމެއް ފަށަން ތައްޔާރަށް ހުރިކަމަށް ޕިންކްވިލާއަށް ދިން އިންޓަވިއުގައި އެޓުލީ ވަނީ ބުނެފައެވެ.
ޝާހްރުކް ޚާންއާއި ބަތަލާ ދިޕިކާ ޕަޑުކޯންގެ އިތުރުން ދެކުނު ސިނަމާގެ މަޝްހޫރު ފިލްމީ ތަރިންނާއެކު އެޓުލީ އުފެއްދި "ޖަވާން"އަށް ލިބެމުން އަންނަ ކާމިޔާބީއާއެކު ގިނަ ބަޔަކު އިންތިޒާރުކުރަނީ އެޓުލީގެ އިތުރު ފިލްމަކަށެވެ. ނަމަވެސް ފިލްމު "ޖަވާން"އަށްފަހު އެޓުލީ އަދި އިތުރު ފިލްމެއްގެ މަސައްކަތް ފަށާކަން ރަސްމީކޮށް އިއުލާނު ނުކުރެއެވެ.