ހިންދީ ސިނަމާގެ ކާމިޔާބު ބަތަލާ އާލިއާ ބަޓްއަށް ފިލްމުތަކުން ފުރުސަތު ލިބެނީ އާލިއާ ވަކި ޢާއިލާއަކަށް ނިސްބަތްވާތީ ނޫންކަމަށް ބަތަލާ ބުނެފިއެވެ.

ބަތަލާ އާލިއާއަށް އަމާޒުކޮށްގެން މިހާތަނަށް ވަރަށް ގިނަ މީހުން ފާޑުކިޔާފައިވީ ނަމަވެސް އާލިއާއަކީ އާއްމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ބަތަލާއެކެވެ.

ފިލްމު "ސްޓޫޑެންޓް އޮފް ދަ އިއާ"އިން އާލިއާ ފިލްމީ ދާއިރާއަށް ތަޢާރަފްވީ ޢުމުރުން އެންމެ 19 އަހަރުއެވެ. އާލިއާގެ ފުރަތަމަ ފިލްމަކީ ދަރުމާ ޕްރޮޑަކްޝަންއިން ކަރަން ޖޯހަރު ޑައިރެކްޓްކުރި ފިލްމަކަށްވެފައި ފިލްމަށް ލިބުނު ކާމިޔާބާއެކު އާލިއާގެ ބޮލުގައި 'ނެޕޮޓިޒަމް'ގެ ޓެގު ބަޔަކު ވަނީ އަޅުވާފައެވެ.

މިހާތަނަށް މި ކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް ފަރާތަކަށް ރައްދުދީފައި ނެތް ނަމަވެސް ދާދިފަހުން އާލިއާ ވަނީ މީޑިއާ ދިން އިންޓަވިއުއެއްގައި މި ކަމާ ގުޅިގެން އާލިއާ ދެކޭގޮތް ހިއްސާ ކޮށްފައެވެ.

އާލިއާއަކީ ކުޑަ އިރުއްސުރެވެސް ފިލްމީ ދާއިރާއަށް ޝައުގު ހުރި ފަރާތެކެވެ. އަދި ޢާއިލާގެ އެންމެންނަށްވެސް އެކަން އެނގޭނެ ކަމަށާއި ޚުދު އާލިއާގެ ބައްޕަ ޕްރޮޑިއުސަރު މަހޭޝް ބަޓްއަށް ވެސް އާލިއާ ބޮޑުވެގެން ފިލްމީ ދާއިރާއިން ކުރިޔަށްދާން ބޭނުންވާކަން އެނގޭނެކަމަށް އާލިއާ ވަނީ ބުނެފައެވެ.

އެހެންނަމަވެސް މިއަދާ ހަމައަށް ވެސް ބައްޕަ މަހޭޝް ބަޓް އަމިއްލައަށް ފިލްމެއް ހުށަހަޅާފައި ނުވާނެ ކަމަށާއި އާލިއާއަށް ފިލްމަކުން ފުރުސަތު ދޭންވެސް މަހޭޝް ބަޓް ވިސްނުން ނުގެންގުޅޭކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އާލިއާއެކޭ އެއްގޮތަށް އޭނާގެ މަންމަ ފިލްމު ކުޅުނު ދުވަސްވަރު ވެސް ޕްރޮޑިއުސަރެއްގެ އަންބަކަށް ވީތީ ދުވަހަކުވެސް ފިލްމަކުން ފުރުސަތު ހޯދުމަށް އެދިފައި ނުހުންނާނެ ކަމަށް އާލިއާ ވަނީ ބުނެފައެވެ. އާލިއާއަށް ފިލްމުތަކުން ފުރުސަތު ލިބުނަސް މަންމަ ސޯނީ ރަޒްދާންއަށް ފިލްމުތަކުން ފުރުސަތު ހޯދަން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ކަމަށް އާލިއާ ވަނީ ބުނެފައެވެ.

އާލިއާއަށް ފިލްމީ ދާއިރާއަށް ތަޢާރަފްވުމަށް މަގުފަހިވިގޮތް ފަސޭހަ ނަމަވެސް މިއަދު ލިބިފައިވާ ކާމިޔާބީ ތަކަކީ ވަރަށް ބުރަ މަސައްކަތް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އާލިއާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ދާދިފަހުން ރިލީޒްވި ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"އިންނެވެ. މި ފިލްމަކީ ދަރްމާ ކުންފުނީގެ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރެވުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ އާލިއާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން"ވެސް ވަނީ ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށާފައެވެ.