އެއާ އިންޑިއާގެ ބޯޓެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅެނިކޮސް ބޯޓުގެ ފުރޮޅު ފަޅައިގެން ހިނގައްޖެ އެވެ.

އެއާޕޯޓުގެ އޮފިޝަލަކު ސަން އޮންލައިންއަށް މިއަދު ވިދާޅުވީ ފުރޮޅު ފަޅައިގެން ދިޔައީ މިއަދު މެންދުރު 12:15 އެހާކަން ހާއިރު އިންޑިއާގެ، ޓްރެވިންޑްރަމް އިން ރާއްޖެ އައި ފްލައިޓެއްގެ ކަމަށެވެ. އެ އޮފިޝަލް ވިދާޅުވީ ބޯޓަށް އިތުރު ގެއްލުމެއް ލިބުނުކަން އަދި ފާހަގަ ވެފައި ނުވާ ކަމަށާއި އޭޕްރަންއަށް ވައްދައިގެން ބޯޓް އިތުރަށް ޗެކް ކުރަމުން އަންނަ ކަމަށެވެ.

"ފުރޮޅު ފަލައިގެން ދިޔަ ގަޑީގައި ވަރަށް ބާރަށް އަޑެއް ކީ، ދެން ބޯޓު ޖައްސާފައި ބެލިއިރު ހުރީ ފަޅައިގެން ގޮސްފައި،" އޮފިޝަލް ވިދާޅުވި އެވެ.

މި ފަހަކަށް އައިސް އެއާޕޯޓަށް ޖެއްސި ބައެއް ބޯޓު ފަހަރުގެ ފުރޮޅުފަޅައިގެން ދިޔުމުގެ ހާދިސާތައް ވަނީ ކުރިމަތިވެފަ އެވެ. ޓްރާންސްޕޯޓް މިނިސްޓަރު ޝަމްހީދު ސަން އޮންލައިން އަށް މީގެ ކުރިން ވިދާޅުވެފައި ވަނީ އެއާޕޯޓް ރަންވޭ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި އެކަމުގެ ޝަކުވާ އެއާލައިންތަކުން ކުރާ ކަމަށެވެ. އެއާޕޯޓްގެ ރަންވޭއަކީ ބައިންއަގްވާމީ މިންގަޑުތަކަށް ފެތޭ ރަންވޭއެއް ނޫނެވެ.