12 May 2012, 14:04
ރިޔާސީ އިންތިޚާބެއް ބޭއްވުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން މިހާރު ނިންމަވާފައިވާ ނިންމުމާމަދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑއިގަންނަވާ ކަމަށް އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް މިސްޓަރު އެސްއެމް ކްރިޝްނާ ވިދާޅުވެއްޖެއެވެ.
ކްރިޝްނާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކްރިޝްނާ ވިދާޅުވީ ރާއްޖޭގެ ކަންތައްތައް މިހާރު ކުރިއަށްދާގޮތާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށާއި އަދި ރާއްޖޭގެ ސިޔާސީ މަސްރަޙުގެ ކަންތައްތައް ޙައްލު ކުރުމުހައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
އަދި ރާއްޖޭގެ އެކި މައްސަލަތައް ޙައްލުކުރާނީ، ރާއްޖެއިން ކަމަށާއި، އެކަން އިންޑިއާ ސަރުކާރުން އަބަދުވެސް ގަބޫލު ކުރާ ކަމަށާއި، އެކަމަށް އިޙްތިރާމް ކުރައްވާ ކަމަށްވެސް ކްރިޝްނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ނައިބު ރައީސަށާއި ކެބިނެޓަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަކީ، ދިވެހި ސަރުކާރާއެކު މަސައްކަތް ކުރަން ލިބުނު ވަރަށްބޮޑު ހިތްވަރެއް ކަމަށެވެ.
ކްރިޝްނާގެ ވާހަކަފުޅުގައި، ރާއްޖޭގެ ކުރިއެރުމަށާއި ތަރައްޤީއަށް ވެދެއްވެން އޮތް ހުރިހާ އެހީއެއް އިންޑިއާ ސަރުކާރުން ވެދޭނެ ކަމަށާއި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރަން އިންޑިއާ ސަރުކާރުގެ އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.
ރައީސް ވަހީދުގެ ދިއްލީ ދަތުރުފުޅުގައި ހުންނަވާ ހޮޓަލުގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްގީ އަށާއި ކުރިއެރުމަށް އިންޑިއާއިން ވެދެއްވާ އެހީތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތްގޮތާ ބެހޭގޮތުންނާއި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭގޮތުން އެކްސްޓާނަލް މިނިސްޓަރަށް މަޢުލޫމާތު ދެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް އެހީތެރިވުމަށް އިންޑިއާ ސަރުކާރުން ކަމާބެހޭ މާހިރަކު ފޮނުއްވައިދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.