12 May 2012, 13:07
ލ. ފޮނަދުއާ ދިމާ ބޭރުން އަލިފާންރޯވެ އިއްޔެ އަނދައިގެން ދިޔަ ތެޔޮ ދޯނީގެ ހާދިސާގައި ލިބުނު ގެއްލުން 2.2 މިލިޔަން ރުފިޔާއަށް އަރާ ކަމަށް ދޯނީގެ ވެރި ފަރާތް ބުނެފި އެވެ.
ފިއުލް ސަޕްލައިސް މޯލްޑިވްސްއާ ގުޅިގެން ލ. އަތޮޅަށާއި ތ. އަތޮޅުގައި ތެލުގެ ވިޔަފާރި ކުރަމުން އަންނަ ލ. މާވަށު އައިއާރް ސްޓޯރުގެ ވެރިޔާ އިސްމާއިލް ރަފީއު މިއަދު ބުނީ އަނދައިގެން ދިޔަ އޭނާގެ "އަލިތަރި" ދޯނީގައި އަލިފާން ރޯވި އިރު ހުރި ތެލާ އެކު 2.2 މިލިޔަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
ދިގު މިނުގައި 25 ފޫޓް ހުންނަ ދޯނީގައި ރޯވެ އެނދުމުން އެއްވެސް އެއްޗެއް ސަލާމަތް ކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ލިބިފައިވާ ގެއްލުމުގެ ތަފުސީލުތައް މިހާރު ފިއުލް ސަޕްލައިސް މޯލްޑިވްސް އަށް ވެސް ވާނީ އަންގާފައި. ދޯނި އެނދި އިރު އޭގައި 20000 ލީޓަރުގެ ތެޔޮ [ޕެޓްރޯލް] ހުރި. އެ ތެލާއެކު 2.2 މިލިޔަން ރުފިޔާގެ ގެއްލުންވި،" ރަފީއު ބުންޏެވެ.
އޭނާ ބުނީ އަލިތަރި ދޯނީގައި ރޯވީ ފިއުލްސަޕްލައި މޯލްޑިވްސްގެ ތެޔޮ ބޯޓު، އެމްވީ ބަރުޖޯރާއިން ތެޔޮ ނަގައިގެން ގަމަށް ނައްޓައިލި ތަނާ އިއްޔެ މެންދުރުފަހު 3:30 އެހާކަންހާއިރު އެވެ. ފަޅުވެރިންނާ ހަވާލާދީ އޭނާ ބުނީ ދޯނީގައި އަލިފާން ރޯވީ ޕެޓްރޯލާއެކު ދަތުރުކުރަނިކޮށް ކުއްލިއަކަށް އިންޖީނު ރޭސްވެ، ހުޅުހިފައިގެން ކަމަށެވެ.
އަލިތަރި ދޯނީގައި ބާރުގަދަ ގޮވުމެއް ގޮވައި އަލިގާން ރޯވެ އަނދައި އަޑިއަށް ދިޔަ ހާދިސާގައި އެ ދޯނީގައި އޭރު ތިބި ބައެއް ފަޅުވެރިން އެކި ވަރަށް ވަނީ ފިހިފަ އެވެ. އޭގެ ތެރެއިން ބޮޑަށް ފިހުނު ބަނގުލަދޭޝްގެ މީހުންނަށް ގަމު ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.
އެ މީހުން ބެލި ޑޮކްޓަރާ ހަވާލާދީ ގަމު ރީޖަނަލް ހޮސްޕިޓަލުން އިއްޔެ ބުނީ އޭގެ ތެރެއިން ދެ މީހުންގެ ހަށިގަނޑުގެ 25 ޕަސެންޓް ފިހިފައި ވާއިރު ތިންވަނަ މީހާގެ ހަށިގަނޑުގެ 35 ޕަސެންޓް ފިހިފައިވާ ކަމަށެވެ.
އަލިތަރި ދޯނީގައި ރޯވި އަލިފާން ނިއްވާލުމަށް ފުލުހުންނާއި ސިފައިން މަސައްކަތް ކުރި ނަމަވެސް އެދޯނި ވަނީ މުޅިން އަނދައި އަޑިއަށް ގޮސްފަ އެވެ.