12 May 2012, 12:41
ގއ. ގެމަނަފުށީގައި ފުލުހަކަށް ހަމަލާ ދިނުމަށް ފަހު އޭނާގެ ދެ ކޮށްކޮއަށް ވަޅިއަކުން ހަމަލާދިން މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މާޗް މަހުގެ ކުރީކޮޅު ގެމަނަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ލާންސް ކޯޕްރަލް އިސްމާއިލް ޝަފީގަށް ހަމަލާދިނުމަށް ފަހު އޭނާގެ ދެ ކޮށްކޮއަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތަހުގީގުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ.
"އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ވަނީ ނިންމާލެފިފައި. ވަރަށް އަވަހަށް ތަހުގީގު ނިމި އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލައިގައި ފުލުހުން ތިން މީހަކު ހައްޔަރު ކުރި އެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ދޫކޮށްލުމަށް ފަހު އަނެއް ދެ މީހުންކަމަށްވާ އެރަށު އެދުރުގޭ، ނިޔާމު މުހައްމަދު އާއި ނޫރުއްސަބާހު، އަހުމަދު ނާދީ ސަލީމް ވަނީ މާލެ ގެނެސްފައެވެ.
އެހާދިސާ ހިނގި ދުވަސް ނޫން އަނެއް ދުވަހު ފުލުހުން ވަނީ ހަމަލާދިން ދުވަހު ވަޅި ހިފައިގެން އެމީހުން ނުކުތް ގެޔަށް އެ މައްސަލައިގައި ތުހުމަތު ކުރެވޭ ނިޔާމު މުހައްމަދު ވެއްދުމަށް ފަހު އެގޭތެރެއިން ލެއާއެކު ހަމަލާދިން ވަޅި ވެސް ހޯދާފައެވެ.
ފުލުސް މީހާއަށް ހަމަލާދީފައި ވަނީ ނާދީ ސަލީމް ބާރު ސްޕީޑުގައި ސައިކަލް ދުއްވުމުން އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރި ވުމުންނެވެ. ފުލުސް މީހާގެ ގައިގައި ތަޅައި މާރާމާރީ ހިންގުމަށް ފަހު އޭނާގެ ދެ ކޮށްކޮގެ ތެރެއިން އެކެއްގެ ބަނޑަށް ވަޅި ހަރައި އަނެކުގެ ބޮލަށް ވަޅި ހެރިނަމަވެސް މިހާރު އެމީހުން ވަނީ ހޮސްޕިޓަލުން ފަރުވާ ހޯދާފައެވެ.