12 May 2012, 12:31
އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް (އައިއެފްއެމް) އިންހަދާ އިސްލާމިކް ޗެނެލް "އެމްވީ ޓީވީ" ގެ ހިދުމަތް އަންނަ ރޯދަ މަހުގެ ކުރިން ދޭން ފަށާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެފި އެވެ.
އައިއެފްއެމްގެ ފަރާތުން އުފައްދާ އިސްލާމިކް ޗެނަލުގެ މައުލޫމާތު ދެއްވަމުން ޝައިހު އިބްރާހިމް ފަރީދު މިއަދު ވިދާޅުވި އިސްލާމިކް ފައުންޑޭޝަނާއި މީގާތު ގުޅިގެން އުއްފައްދާ އެމްވީ ޓިވީ އުފެއްދުމުގެ ހުއްދަ މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދީފައިވާ ކަމަށާއި، އެ ޗެނަލް ހިންގާނީ އެ ފައުންޑޭޝަނުގެ ބެލުމުގެ ދަށުން ކަމަށެވެ.
"ބްރޯޑް ކާސްޓް ކުރުމުގެ ލައިސަންސް މީގާތަށް ލިބުމާ ގުޅިގެން އަޅުގަނޑުމެން އެމްވީ ޓީވީގެ ނަމުގައި ޓިވީ ޗެނެލެއް ހަދަން ގަސްތުކުރީ. ޗެނެލް ހިންގަން ކުރާ ހުރިހަ ހަރަދެއް ކުރާނީ އިސްލާމިކު ފައުންޑޭޝަނުން،" ފަރީދު ވިދާޅުވި އެވެ.
ފަރީދު ވިދާޅުވީ ރާއްޖޭގައި ހަދާ ފުރަތަމަ ދީނީ ޗެނެލު ފަށާ ދަނޑިވަޅަކީ ރާއްޖޭގެ ތާރީހުގައި ވެސް ވަރަށް ނާޒުކު ދަނޑިވަޅެއް ކަމަށާއި ޒުވާނުންނަށާއި އެކި ފަރާތްތަކަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި އެކިއެކި ބަދުއަހުލާގީ މައްސަލަ ތަކާއި އެފަދަ ކަންކަމުން މުޖުތަމައު ސަލާމަތް ކުރަން ބޭނުންވާ ދީނީ މައުލޫމާތު ތަކުގެ އިތުރުން އިޖުތިމާއި ބައެއް ޕްރޮގްރާމް ތައްވެސް ޗެނެލް މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށެވެ.
"އިޖްތިމާއީ ބޮޑެތި މައްސަލަތައް ކަމަށްވާ މަސްތުވާ ތަކެއްޗާއި، ހަށިވިއްކުމާއި، ބަނގުރާ ބުއިމާއި މިފަދަ ކަންކަމުގައި ނުހަނު ގިނަ ޒުވާނުން އޭގެ ތެރެއަށް ޣަރަގުވެފައިވާ ދަނޑިވަޅެއްގައި. ހާއްސަ ގޮތެއްގައި މިކަންކަން ހައްލުކުރުމަށާއި އަދި އިސްލާމް ދިނާއި ފުށު ނާރާނެ ގޮތުގެ މަތިން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި ދިރިއުޅުމާއި ބެހޭ ހުރިހާ ކަމެއް ހަމަޖެއްސުމަށް ހިންގާ ޗެނެލެއް މިޗެނެލް އަކީ،" ފަރީދު ވިދާޅުވި ވިއެވެ.
އޭނާ ވިދާޅުވި އިސްލާމިކް ޗެނެލް ހިންގާއިރު ސިޔާސީ އެއްވެސް ކުލަވަރެއް އެ ޗެނެލްގައި ނުޖައްސާނެ ކަމަށާއި އިސްލާމް ދީނާ ފުށުއަރާ އެއްވެސް އެއްޗެއްވެސް ނުދައްކާނެ ކަމަށެވެ. އެޗެނެލަކީ ހުރިހާ އުމުރެގެ މީހުންނަށް ވެސް އަދި އާއިލާގެ ހުރިހާ ފަރާތްތަކާއި އެކު ބަލާލެވޭނެ ރަނގަޅު މައުލޫމާތުތަކެއް ފޯރުކޮށްދެވޭނެ ޗެނެލެކަށް ހައްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފައުންޑޭޝަނުން ބުނީ ޗެނެލް ހިންގަން ބޭނުންވަ އިކްޕްމެންޓް ގެނެސް ސްޓޫޑިއޯ ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅަށް އެޓީވީގެ ހިދުމަތް ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށެވެ.