ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ބެލެވިގެން ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވުނު ސްރީލަންކާގެ ފަސް މަސްބޯޓް، މާލެ ގެނެސް ދިވެހި ފުލުހުންނާ ހަވާލުކޮށްފިއެވެ.

ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ބެލެވޭ ސްރީލަންކާގެ މި މަސްބޯޓްތައް އެމްއެންޑީއެފް ކޯސްޓްގާޑު ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ރާއްޖޭގެ މަސްދޯންޏެއް ކަމަށްވާ "އަސުރުމާ 03" އިން ކުރި ރިޕޯޯޓަކާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިންނެވެ.

މިގޮތުން މި މަސްބޯޓުތަކުގެ ތެެެެެރެއިން ހަތަރު ބޯޓް ފެނިފައިވަނީ މި ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕެޓްރޯލް ކްރާފްޓް "ނޫރައްދީން" ޕެޓްރޯލް ކުރަމުން ދަނިކޮށް ކ. ކާށިދޫގެ އިރުން ގާތްގަޑަކަށް 85 މޭލު ބޭރުންނެވެ.

މީގެ ތެރޭގައި ހިމެނޭ ފަސް ވަނަ ބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ސެޕްޓެންބަރު 18 ވަނަ ދުވަހުގެ ރޭ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ ޕެޓްރޯލް ކުރަމުން ދަނިކޮށް ޅ. އަތޮޅުގެ އިރުން ގާތްގަނޑަކަށް 74 ނޯޓިކަލް މޭލު ބޭރުންނެވެ.

މިހާރު މި ބޯޓްތައް ވަނީ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން ސެޕްޓެންބަރު 20 ވަނަ ދުވަހު މާލެ ގެނެސް ދޫނިދޫ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކޮށްފައެވެ.

އެމްއެންޑީއެފުން ވަނީ ދިވެހި މަސްކަނޑުތައް ބެލެހެއްޓުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން ގެންދާ މަސައްކަތްތަކުގައި މަސްވެރިން ދެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.