އެކަހެރި ކުރުމާއި ތަފާތު ކުރުމުގެ ސަބަބުންނާއި ސްކޫލްތަކުން ޖާގަ ނުލިބިގެން ވިލިމާލޭގެ ކުޑަކުދިންގެ ހިޔާގެ ބައެއް ކުދިން ކިޔެވުމުން މަހުރޫމުވެފައިވާ ކަމަށް އެ މަރުކަޒުން ބުނެފި އެވެ.

ކުޑަކުދިންގެ ހިޔަލަށް ހަ އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ބޭއްވި ހަފުލާއެއްގައި ހިޔާގެ ޑިރެކްޓާ ޖެނެރަލް އައިމިނަތު މުހައްމަދު ވިދާޅުވީ އެކުދިންނަށް އެގޮތް މެދުވެރިވެފައި ވަނީ ސްކޫލްތަކުން ޖާގަ ނުލިބުމާއި އެކަހެރިކުރުމާއި ތަފާތު ކުރުންތަކުގެ ސަބަބުން ކަމަށެވެ.

މިއީ މައުލޫމާތު "ސިއްރުވެފައި" އޮންނަ މި މަރުކަޒުން މި މޭރުމުން މައުލޫމާތުތަކެއް ހިއްސާކުރި ފުރަތަމަ ފަހަރެވެ.

އާމިނަތު ވިދާޅުވީ ސުކޫލްތަކުގެ ބައެއް ބެލެނިވެރިން އެ މަރުކަޒުގެ ކުދިންނާމެދު ތަފާތުތަކެއް ގެންގުޅޭ ކަމަށާއި މަރުކަޒުގެ ކުދިންނާއިމެދު އާންމުން ވެސް ދެކެނީ ވަރަށް ތަފާތުކޮށް ކަމަށެވެ.

"އެކުދިން އެކަހަރި ކޮށްލުމަށް ބައެއް މީހުން މަސައްކަތްކުރަމުންދޭ. ކުދިން މަގުތައް މައްޗަށް ނުކުމެ އުޅޭއިރު އެއީ ހިޔާގެ ކުއްޖެއް ކަން އެނގޭނަމަ އެއްކުއްޖާ އެކަހަރިކުރޭ! މީގެ އިތުރުން ސުކޫލުތަކުގެ ބައެއް ބެލެނެވެރީން ކުޑަކުދިންގެ ހިޔާގެ ކުއްޖަކު ހުރެއްޖެނަމަ އެ ކުލާހަކަށް ދަރިފުޅު ނުފޮނުވަން މަސައްކަތްކުރޭ!" އާމިނަތު ވިދާޅުވި އެވެ. އޭނަ އަދި ވިދާޅުވީ އޭގެ ސަބަބުން ހިޔާގެ ކުދިންގެ ތެރެއިން ހަ ކުއްޖަކު މިހާރު ވެސް ސުކޫލަށް ނުފޮނުވިފައި އެބަތިބި ކަމަށެވެ.

ވިދާޅުވި އެވެ: "މުޖުމައު އަޅުގަނޑުމެންގެ މި ޔަތީމު ކުދިންނާމެދު ދެކޭގޮތް އަދިވެސް ބަދަލެއް ނުވޭ، އަޅުގަނޑުމެން މި ކުދީން ގޮވައިގެން ވިލިމާލޭގެ މަގުމައްޗަށް ނުކުމެލިޔަސް ނޫނީ ބީޗް ސަރަހައްދަށް ދިޔައަސް އެބަ ބުނޭ ހިޔާ ކުދިންނޭ އެއީ އަވަހަށް ހިނގާށޭ ދާން. މިއީވެސް ހަމަ އިންސާނުން މިއީ ސޯލިހު ދަރީން މި ކުދީންގެ އެއްވެސް ކުށެއްނެތް،"

ހިޔަލުގައި މިވަގުތު 53 ކުއްޖަކު އެބަތިއްބެވެ. އަދި މިދިޔަ އަހަރު 22 ކުއްޖަކު ބެލެނިވެރިންނާއި ހަވާލުކޮށްފައިވާއިރު 23 ކުއްޖަކު ވަނީ އަލަށް ހިޔަލަށް ވައްދާފަ އެވެ.

އާމިނަތު ވިދާޅުވީ އެ ކުދިންނާއެކު މަރުކަޒަށް ގިނަ ފަރާތްތަކެއްގެ އެހީ ބޭނުންވާ ކަމަށާއި ނަމަވެސް އެ ކުދިންގެ ބޭނުންތަކަށް ފައިސާ ހޯދަން ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނަށް "އާދޭސް" ކުރަން ޖެހޭ ކަމަށެވެ.

ރޭ ބޭއްވި ޖަލްސާއެއްގައި ޖެންޑާ ފެމިލީ އެންޑް ހިއުމަންރައިޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ރަމީލާ ވިދާޅުވީ ހިޔަލުގައި ތިބި ކުދިންގެ ތެރެއިން ކުދިން ބަލަން ބޭނުންވާ އާއިލާތަކަށް ކުދިން ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހިޔަލުގެ ކުދިންނަށް ދިމާވެފައިވާ ތަފާތު ކުރުމުގެ މައްސަލަތައް ހައްލުކޮށްދޭން ވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ހިޔަލުގައި ތިބި ކުޑަކުދިން ބަލަން އެކި އާއިލާތަކަށް ހަވާލުކުރުމުގެ މަސައްކަތަކީ މިނިސްޓްރީން އިސްކަންދޭނެ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ކުދީން ހަވާލުކުރަނީ ކޮން އުސޫލަކުން ކަމެއް ވިދާޅެއްނުވެ އެވެ.

ކުޑަކުދިންގެ ހިޔަލަކީ ނުވަ އަހަރުން ދަށުގެ ކުދީން ބަލާ ތަނަކަށް ވިޔަސް އަޅާލާނެ މައިންބަފައިން ނެތުމުގެ ސަބަބުން އެ އުމުރު ފުރައަށް ވުރެ ބޮޑެތި ކުދީން އެބަތިއްބެވެ. މިހާތަނަށް ވެސް މި މަރުކަޒާބެހޭ މައުލޫމާތުތައް އޮންނަނީ ސިއްރުވެފަ އެވެ.