20 Sep 2023, 21:52
ވާހަކަ ދައްކާއިރު ދިވެހި ބަސް އޭގެ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް ބާރު އަޅުއްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ބާރު އެޅުއްވީ "ޔުނިވާސިޓީ ބުކް ރައިޓިން ގްރާންޓް" ގެ ދަށުން ނެރޭ ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުޖުތަމައެއް ބިނާކުރުމަށް ލިޔުންތެރިންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ ލިޔުންތެރިކަން ފުޅާދާއިރާއެއްގައި ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށްއޮތްތަނުގައި ކުރައްވާނެ ކަމަށެވެ.
އެމްއެންޔޫގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ލިޔުންތެރިކަމަކީ އެބައެއްގެ އިލްމީ މުއްސަނދިކަން ފެތުރުމަށް ޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ. އަދި އެދާއިރާއިން ފުރުސަތު ފަހިކޮށްދެއްވުމަށް ޤައުމީ ޔުނިވާސިޓީން "ޔުނިވާސިޓީ ބުކް ރައިޓިން ގްރާންޓް" ފެއްޓެވިކަމަށް ޓަކައި އެމަނިކުފާނު ވަނީ ޤައުމީ ޔުނިވާސިޓީއަށް ޝުކުރު އަދާކުރައްވާފައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ވާހަކަ ދައްކާއިރު ދިވެހި ބަސް އޭގެ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އެބައެއްގެ މާދަރީ ބަހަކީ އެބައެއްގެ އަސްލު އަންގައިދޭ ސިފައެއްކަން ފާހަގަކުރައްވައި ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ.
"ޔުނިވާސިޓީ ބުކް ރައިޓިން ގްރާންޓް" ގެ ދަށުން މި އަހަރު ތިން ލިޔުންތެރިން ވަނީ ފޮތް ނެރުއްވާފައެވެ.
މި ރަސްމިއްޔާތަށްފަހު ނައިބު ރައީސް ވަނީ 'އެމްއެންޔޫ ފޮތް މައުރަޒު' ހުޅުވައިދެއްވައި މި މައުރަޒު ބައްލަވައިލައްވާފައެވެ.
'އެމްއެންޔޫ, ފޮތް މައުރަޒު' ކުރިއަށްދާނީ މި ސެޕްޓެމްބަރު މަހުގެ 20 ން 22 ށް ޔުނިވާސިޓީގެ މައި މަރުކަޒުގައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި ވިއްކާ މީހުންނާއި ގަންނަ މީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުސަތެއްވެސް މެއެވެ.
މި އަހަރު 23 ފަރާތަކުން މި މައުރަޒުގައި ވަނީ ބައިވެރިވެފައެވެ.