12 May 2012, 11:55
ހދ. ނޮޅިވަރަމްފަރުގައި ހިންގި މާރާމާރީއެއްގައި ދަގަނޑުފަތިގަނޑަކުން ޖަހައި ކުއްޖެއްގެ ބޯފަޅާލައިފި އެވެ.
އިއްޔެ މެންދުރެއްހާއިރު ހިނގި މާރާމާރީގައި ޒަޚަމްކޮށްލާފައި ވަނީ އުމުރުން 15 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް އާއިލާއިން ބުނެ އެވެ.
ފުލުހުން ބުނީ އިއްޔެ ދިން ހަމަލައާއި ގުޅިގެން ޒަޚަމްވި ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި މިއަދު މެންދުރެއްހާއިރު އެކުއްޖާ މާލެ ގެންނާނެ ކަމަށެވެ. އަދި އެ މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ޒަހަމްކޮށްލި ކުއްޖާގެ އާއިލާއިން ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެކުއްޖާގެ ދައްތައެއް ބުނީ، އޭނާގެ ކޮއްކޮއަށް ދަގަނޑުފަތިގަނޑަކުން ހަމަލަދިނުމާ ގުޅިގެން ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް އޭނާއަށް ފަރުވާ ދޭ ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ. އަދި އައިސީޔޫގައި ފަރުވާދެމުން އަންނަ އެ ކުއްޖާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
ޒަޚަމްކޮށްލި ކުއްޖާގެ ދައްތަ ބުނީ އޭނާގެ ކޮއްކޮއަށް ދެ ފަހަރެއްގެ މަތިން އިއްޔެ ދެ ކުއްޖަކު ހަމަލަދީފައިވާ ކަމަށެވެ. އަދި ހަމަލަދިނީ ކޮއްކޮއާ އެއް އުމުރެއްގެ ދެކުދިން ކަމަށާއި ހަމަލަ ދިނުމަށްފަހު އެ ދެކުދިން ފިލާފައިވާ ކަމަށް ވެސް އާއިލާއިން ތުހުމަތު ކުރެ އެވެ. ނަމަވެސް އެ މާރާމާރީ ހިނގީ ކީއްވެގެން ކަމެއް ސާފެއްނުވެ އެވެ.
އިއްޔެގެ މާރާމާރީގައި 15 އަހަރުގެ ކުއްޖާއަށް ހަމަލަދިން ދެ ކުދިންގެ ތެރެއިން އެއްކުއްޖަކީ މާރާމާރީގެ ކުށުގެ ރެކޯޑް އޮންނަ ކުއްޖެއް ކަމަށް މައުލޫމާތު ލިބެ އެވެ.