ފެބުރުއަރީ މަހު 7 ވަނަ ދުވަހު ވެރިކަން ބަދަލުވި ގޮތުގެ ހާދިސާ ތަހުގީގު ކުރުމަށް ރައީސް އެކުލަވާލައްވާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނުގެ މެންބަރުކަމުން އެ ކޮމިޝަނުގެ ރައީސް އިސްމާއިލް ޝަފީއު އިސްތިއުފާ ދެއްވުމަކީ ސިޔާސީ ގޮތުން އެންމެ ހަމަޖެހޭ ކަމެއް ކަމަކަށް ދެކިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ކޮމިޝަނާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވުމަށް ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަފީއު ވިދާޅުވީ ކޮންމެވެސް ބަޔަކު އޭނާ އިސްތިއުފާ ދެއްވުމަށް އެދި އެމެސެޖު ރައްދުކޮށްފައިވާ ކަމަށާއި ހުރިހާ ސިޔާސީ ފަރާތްތަކުގެ މަޝްވަރާ އަށް ފަހު ކޮމިޝަނުގެ މަސައްކަތް މިނިވަން ނޫން ކަމަށް އެ ފަރާތްތަކަށް އެއްބަސްވެވޭ ނަމަ ކޮމިޝަނުގެ މެންބަރުކަމުން ދުރަށް ވަޑައިގަތުމަކީ އެއީ މާއުނދަގޫ ކަމެއް ނޫން ކަމަށެވެ.

"ސިޔާސީ ދެބަސްވުންތައް ހައްލުކުރުމުގައި މަސައްކަތްތައް ވަރަށް ގިނަ ފަރާތްތަކަކުން އެކި ގޮތްގޮތަށް ކުރޭ. ނަމަވެސް އެ މަސައްކަތް ކުރަމުންދާ ގޮތެއް އަޅުގަނޑަކަށް ނޭނގޭ. އެކަމަކު ހުރިހާ ފަރާތެއްގެ އެއްބަސްވުމަކަށް އައިސް އެ އެއްބަސްވުމުގެ ތެރޭގައި ޝަފީއު މިތަނުގައި ނުހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނަ ކަމަށް ވިއްޔާމު އަޅުގަނޑު މިތަނުން ނެރޭކަށް ދައްޗެއްނުވާނެ. އަޅުގަނޑު އިސްތިއުފާ ދިނުން އެއީ ސިޔާސީ ހައްލަކަށް ވެގެންނުދާނެ. ބައެއްގެ މެދުގައި ގޮތެއް ނިންމަން ޖެހޭނެ،" ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކޮމިޝަނުގައި އޭނާ މަސައްކަތްކުރައްވަމުން ގެންދިއުން އެއީ ކޮމިޝަނުގެ މިނިވަން ކަމާ މެދު ސުވާލު އުފައްދާ ފަރާތްތަކުން ހައްލުހޯދަން ޖެހޭ މައްސަލައެއް ކަމަށާއި އެކަމާ ދޭތެރޭގައި ގޮތެއް ނިންމާނީ ސަރުކާރާއި އޭނާއާ މެދު ހިތްޕުޅުހަމަނު ޖެހޭ ފަރާތްތަކާ ދެމެދު ވާހަކަ ދައްކަވައިގެން ކަމަށެވެ.

"އަޅުގަނޑު މިމަސައްކަތާ ހަވާލުވީ އަޅުގަނޑު ކައިރީގައި ސަރުކާރުން އެއްސެވީ މިކޮމިޝަނާ ހަވާލުވާނަން ހޭ، އަޅުގަނޑު ދެންނެވިން އާދޭހޭ. ސަރުކާރުން އަޅުގަނޑު ކައިރީ ބުނަންވީ މަސައްކަތް ކުރަމުން ގެންދާށޭ. ނުވަތަ ފައިބައިގެން ދާށޭ،" ޝަފީއު ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝަފީއު ވިދާޅުވީ އެ ކޮމިޝަނުގައި ކުރާ މަސައްކަތަކީ އެ ބޭފުޅުން ކޮމިޝަނުގައި ނުތިއްބެވި ނަމަވެސް އެ މައުލޫމާތުތައް އެ ކޮމިޝަނަށް އަންނަ ބަޔަކަށް ވެސް ބޭނުން ކުރެވިދާނެ މައުލޫމާތުތަކެއް ކަމަށާއި އެބޭފުޅުން ކުރެއްވި އެ މަސައްކަތަކަށް އުނިކަމެއް ނައިސް އެކުރާ މަސައްކަތުގެ ނަތީޖާ ފެންނަން ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.