ބްރަސަލްސް (މޭ 12): އެމެރިކާގެ ޝިކާގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވުމުގެ ދަޢްވަތު އިސްރާއީލަށް ދީފައިނުވާނެ ކަމަށް އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އެންޑަސް ފޯގް ރަސްމޯސަން ވިދާޅުވެއްޖެ އެވެ.

އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯގެ ސަމިޓްގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އެޖަމާއަތާ ގުޅުންތައް ބާއްވާ އެތައް ޤައުމަކަށް ދީފައިވާ އިރު މިސަމިޓްގައި ބައިވެރިވުމުގެ ފުރްސަތު އިސްރާއީލަށް ނުދިނީ ނޭޓޯގެ ޢަސްކަރީ ޙަރަކާތްތަކުގައި އިސްރާއީލު ބައިވެރިނުވާތީ ކަމަށް ރަސްމޯސަން ވިދާޅުވި އެވެ.

ނޭޓޯގައި ހިމެނޭ އިސްރާއީލާ އިދިކޮޅު އިސްލާމީ ޤައުމެއްކަމަށްވާ ތުރުކީގެ ޚާރިޖީ ވަޒީރު އަޙްމަދު ދާވޫދު ވަނީ ޝިކާގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވުމުގެ ފުރްސަތު އިސްރާއީލަށް ދިނުމާ ތުުރުކީ ދެކޮޅުހަދާކަން ހާމަކުރައްވާފަ އެވެ. ދާއޫދު ވަނީ އިސްރާއީލަކީ ތުރުކީއާ ދުޝްމަންކަން ގެންގުޅޭ ޢުދުވާނީ ޤައުމެއް ކަމަށާއި ޝިކާގޯ ސަމިޓްގައި އިސްރާއީލު ބައިވެރިކުރާ ނަމަ އެހެން ވިސްނުމެއް ތުރުކީ ގެންގުޅެންޖެހިދާނެކަމުގެ އިންޒާރު މިދިޔަ ހަފްތާގައި ދެއްވާފަ އެވެ.

ތުުރުކީ އަކީ ނޭޓޯގައި އެމެރިކާ ފިޔަވައި އެންމެ ބޮޑު ސިފައިންގެ ލަޝްކަރު އޮންނަ ޤައުމެވެ. ނޭޓޯ އިން ގެންދަނީ ތުރުކީގެ ބިމުގައި މިސައިލުން ދިފާޢުވުމުގެ އައްޑަނައިގެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ތުރުކީ އިސްރާއީލުގެ އަނިޔާވެރިކަމާއި ހަރުކަށިކަމާ ދެކޮޅަށް ފާޅުގައި އަޑުއުފުލަން ފަށާފައި ވަނީ އިސްރާއީލުގެ އިސްތިޢްމާރުގެ ދަށުގައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސް ހިފައިގެން ޣައްޒާ އަށް ދިޔުމަށް 2010 ވަނަ އަހަރުގެ ޖުލައި މަހު ދަތުރުކުރި ތުރުކީގެ ބޯޓެއް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ހުއްޓައި އެބޯޓަށް އިސްރާއީލުގެ ސިފައިންއަރައި ކަނޑުފޭރިގަތުމަށް ފަހު އޭގައިތިބި ތުުރުކީގެ ސުލްހައިގެ އެކްޓިވިސްޓުންގެ ނުވަ މީހަކު މަރާލުމާ ގުޅިގެންނެވެ.

މިޤަތްލުއާންމަށް ތުރުކީގެ ކިބައިން މަޢާފަށް އެދުމަށް އިސްރާއީލު ދެކޮޅު ހެދުމުން ތުރުކީވަނީ އިސްރާއީލަކީ ޓެރަރިސްޓް ދައުލަތެއް ކަަމަށް ސިފަކޮށް އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފަ އެވެ. ނޭޓޯގެ ސަމިޓްގައި ބައިވެރިވުމުގެ ދަޢްވަތު އިސްރާއީލަށް ނުދިނީ ތުރުކީގެ ފިއްތުންތަކުގެ ސަބަބުން ނޫން ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ނަމަވެސް ނޭޓޯގެ ޢަސްކަރީ ޙަރަކާތްތަކުގައި ބައިވެރިނުވާ ޤަތަރާއި ސްވިޓްޒަރލޭންޑް ފަދަ ޤައުމުތަކަށް ދަޢްވަތު ދިންއިރު ވެސް އިސްރާއީލަށް ދަޢްވަތު ނުދިނީ ތުުރުކީގެ ބާރާއި ނުފޫޒުގެ ސަބަބުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. (އެސޯސިއޭޓެޑް ޕްރެސް)