08 Aug 2010, 14:27
19:28
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު، އެހެން ބާރެއްގެ މައްޗަށް އަމުރު ހިންގާ، ވެރިވެ، ގަދަބާރުން އެ މަގާމުތަކަށް ވަޑައިގަންނަވަން މަސައްކަތްކުރެއްވުމަކީ ޣައިރުޤާނޫނީ ޢަމަލެއް ކަމަށް ގައުމީ ޕާޓީން ބުނެފި އެވެ.
ގައުމީ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް ހުރަސްއަޅައި، ސުޕްރީމްކޯޓުގެތެރެއަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސިޔާސީ ބޭފުޅުން ވަޑައިގެން އެތާގެ ކަރާމަތަށް އަރައިގަންނަވާ ސުޕްރީމްކޯޓު ހިންގުމާއި ޙަވާލުވުމަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އެއްވެސް މާއްދާއަކުން ރައީސް ނަޝީދަށް ލިބިވަޑައިގެންވާ ބާރެއްނޫން ކަމަށެވެ. އަދި އެކަމަކީ ސުޕްރީމްކޯޓާއި ޢަދުލު އިންސާފުގެ ދާއިރާއަށް ނަޝީދުގެ ސަރުކާރުން މެދުކެނޑުމެއް ނެތި ދެމުންގެންދިޔަ ޙަމަލާތައް ކާމިޔާބު ނުވުމުން އެންމެފަހުން ބާރުގެ ބޭނުން ކޮށްގެން “ގޮޑިކޮއްކޮ ސުޕްރީމްކޯޓެއް” އުފެއްދުމަށްޓަކައި ކުރެއްވި ޣައިރުޤާނޫނީ ޢަމަލެއްކަމަށް ވެސް އެ ޕާޓީން ޤަބޫލުކުރާ ކަމަށް ބުނެފައިވެ އެވެ. އަދި އެކަމުގެ ސަބަބުން މިއަދުން ފެށިގެން ދިވެހި ކޮންމެ ރައްޔިތެއްގެ ހިމާޔަތާއި ރައްކާތެރިކަން ގާއިމުކުރުމަށްޓަކައި ދާންއޮތް އެންމެފަހުގެ މަރްޙަލާ ކަމުގައިވާ ސުޕްރީމްކޯޓްގެ މަރުޙަލާ ނެތިގެން ގޮސްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. މިއަދު ރާއްޖޭގެ ސުޕްރީމްކޯޓުގެ ހުރަމަތަށާއި ކަރާމާތައް އަރައިގަނެ، ސުޕްރީމްކޯޓްގެ ތެރެއަށް ރައީސްގެ ސިޔާސީ މުޝީރުން ވައްދަވާ، ސުޕްރީމްކޯޓުގައި ހިނގަމުންދާ ނުވަތަ ބަލަމުންދާ ރައްޔިތުންގެ މައްސަލަތަކާއި، އެމައްސަލަތަކާގުޅުން ހުރި ލިއެކިއުންތަކަށް ވާސިލްވުމީ ދިވެހި އެންމެހާ ރައްޔިތުންގެ ރައްކާތެރިކަމާއި، ޙައްޤުތައް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ސިޔާސީބޭފުޅުންގެ އަތްމައްޗަށް ދިއުންކަމަށްވެސް ބަޔާނުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ތަޅުދަނޑި ހިފެހެއްޓުމަށްފަހު އެތަން ބަލަހައްޓަމުންދާ ސިފައިން ވަނީ، ރައީސްގެ ޕޮލިޓިކަލް އެޑްވައިޒަރ ހަސަން އަފީފުގެ އިތުރުން ރައީސް އޮފީހުގެ ބައެއް މުވައްޒަފުން ވަދެ ވަޑައިގެންނެވުމަށްޓަކައި ސުޕްރީމް ކޯޓުގެ ގޭޓު މިއަދު ހެނދުނު 9:30 ހާއިރު ހުޅުވާފަ އެވެ.
ނަމަވެސް، ގައުމީ ޕާޓީން އެކަން ކުށްވެރިކޮށް ނެރުނު ނޫސްބަޔާނާ ގުޅޭ ގޮތުން އަފީފް ގެ ބަހެއް ހޯދުމަށް ގުޅާލުމުން ވިދާޅުވީ، އެ ޕާޓީން ނެރޭ އެއްވެސް ބަޔާނަކަށް ކޮމެންޓެއް ދެއްވަން ބޭނުންވެ ނުލައްވާ ކަމަށެވެ.