12 May 2012, 09:37
އެޗްއައިވީ އިން ރައްކާތެރިކޮށްދޭ ބޭހެއް ބޭނުން ކުރުމާ އެއްކޮޅަށް އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން ވާހަކަ ދައްކައިފިއެވެ. ތަޖްރިބާކާރުންގެ ޓީމުން ވަނީ އެޗްއައިވީ ޖެހުމުގެ ފުރުސަތު ބޮޑު މީހުންނަށް މި ބޭސް ބޭނުންކުރެވޭނެ ގޮތް ހަދައިދިނުމަކީ މުހިންމު ކަމެއް ކަމަށް ބުނެ، މި ކަމުގެ ހުއްދަ ދިނުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވައިލައިފައެވެ.
އެމެރިކާގެ ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާއިން ތަޖުރިބާކާރުންގެ ބަހަށް އަމަލުކުރަން ޖެހޭ ގޮތަށް ނެތް ނަމަވެސް އާންމުކޮށް ތަޖުރިބާކާރުންގެ ޕެނަލުން ދޭ ލަފާއާ އެއްގޮތަށް އެ އިދާރާއިން އަމަލުކުރެއެވެ.
ބައެއް ހެލްތު ވޯކަރުންނާއި އެޗްއައިވީ ކޮމިއުނިޓީގެ އިސް ފަރާތްތަކުން ވަނީ މި ބޭހަށް ހުއްދަ ދިނުމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި މި ފަދަ ހުއްދައަކާ ގުޅިގެން މި ބޭސް ބޭނުން ކުރަން ފެށުމުން، އެޗްއައިވީއާ މެދު މީހުންގެ ފަރުވާ ކުޑަކުރުން އިތުރުވެ، ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދިއުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ.
ޓްރުވޭޑާ ނަމަކަށް ކިޔާ މި ބޭހަށް އާންމު ހުއްދައެއް ދިނުމާ ބެހޭ ގޮތުން ގޮތެއް ނިންމާނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.