19 Sep 2023, 13:29
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރާ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަށް ހުރަސްއަޅާ ކަމަށް ބުނެ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު, ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.
އެ ސިޓީފުޅުގައި ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ ތިންވަނަ މާއްދާގެ ދަށުން މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެގޮތުން މަޖިލީހުގެ ގަވާއިދަށް އުނިކަން އަންނަ ފަދަ އެއްވެސް އަމަލެއް ހިންގައިފިނަމަ ނުވަތަ މަޖިލީހުގެ ގަވާއިދަށް އުނިކަމެއް އަތުވެދާނެކަމަށް ބެލެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ އެ ކަމެއް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.
"މަނިކުފާނު [ރައީސް ޞާލިޙު]ގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިމާރާތަށް ހާޒިރުވެވަޑައިގެން ތިއްބަވައި، މަޖިލީހުގެ ހާޒިރީގައި ސޮއިކުރެއްވި ނަމަވެސް މަޖިލީހުގެ ޖަލްސާކުރާ މާލަމުގެ އެތެރެއަށް ވަދެވަޑައިނުގަންނަވައި ތިއްބަވައި މަޖިލީހުގެ ޖަލްސާ ފެށުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަކުރެއްވުމަށް ދަތިކުރައްވާ މަޖިލީހުގެ ޖަލްސާ ފެށުމަށް ހުރަސް އަޅުއްވަމުން ގެންދަވާކަން އަޅުގަނޑު ފާހަގަކުރަމެވެ،" އެ ސިޓީފުޅުގައި ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ޖަލްސާތައް ހުއްޓުވައި މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއަޅަމުން ދަނީ ރައީސް ޞާލިޙުގެ ބައިވެރިވެވަޑަގެންނެވުމާ އެކު ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އެގޮތުން ދިވެހި ދައުލަތުގެ ބާރުތައް ރައީސްގެ އަތްޕުޅު މައްޗަށް ނަންގަވައި ދިވެހި ދައުލަތް ހުއްޓުވުމަށް ކުރައްވާ މަސައްކަތް ހުއްޓާލެއްވުމަށް ނަޝީދު ވަނީ ގޮވާލައްވައިފައެވެ. އަދި، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ މަނިކުފާނު އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިހުންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުނަނުދީ މަޖިލިސް ކުރިއަށް ގެންދިޔުމަށް އަޅުގަނޑު ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނޭ ކަމުގައި ދަންނަވަމެވެ،" ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާ ހަތަރު ގަޑިއިރަށް ދަންމައިގެން ވެސް ކޯރަމް ހަމަނުވުމުން އެންމެ ފަހުން ނިންމާލީއެވެ. އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ތަޅުމަށް ނުވަދެ ކުޑަ ދަށުގައި މަޑުކުރައްވާފައެވެ.
އެމްޑީޕީގެ ބައެއް މެންބަރުން އިއްޔެ ވެސް ވަނީ މި ގަރާރުތަކަށް ބަހުސް ކުރުމަށް އިއުތިރާޒުކޮށް، ތަޅުމަށް ވަޑައިގަންނަވަން ދެކޮޅު ހައްދަވާފައެވެ. އަދި އެ ބޭފުޅުން ވަނީ މަޖިލިސް ކުރިއަށް ގެންދަނީ އިދިކޮޅުން ކެމްޕޭން ކުރާ ޖަގަހައެއްގެ ގޮތުގައި ކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ގަރާރުތަކަށް މަސައްކަތްކުރުމުގެ ބަދަލުގަ އިދިކޮޅުން ކެމްޕޭނު ކުރުމަށް ސަރުކާރާ ދެކޮޅު ގަރާރުތައް ހުށަހަޅާނަމަ އެކަން ނުކުރުމަށް އެބޭފުޅުން އިއްޔެ ވަނީ މަސައްކަތް ކުރައްވާފައެވެ.
ހަމައެއާއެކު މިއަދު ވެސް އެންމެ ފުރަތަމަ އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމަށް ނުވަދެ ތިއްބެވީއެވެ. މެދުކަނޑާލުމަށް ފަހު 10:00 ޖެހިއިރު ފެށިއިރު މަޖިލީހުގެ ތަޅުމަށް 22 މެންބަރުން ހަމަވިއެވެ.