އިނގިރޭސި ވަލީ އަހުދު އަމީރު ޗާލްސް ބީބީސީގެ މޫސުމް ޕްރޮގްރާމް ހުށަހަޅައިދެއްވައިފިއެވެ. އެ މަނިކުފާނު މި ޕްރޮގްރާމް ހުށަހަޅައިދެއްވީ ސްކޮޓްލޭންޑްގައި ހުންނަ ބީބީސީގެ ޕެސިފިކް ކުއޭ ހެޑްކުއާޓަރަށް ކުރެއްވި ޒިޔާރަތުގައެވެ. އެމަނިކުފާނާއި އަނބިކަނބަލުން ޑަޗެސް އޮފް ކޯންވޯލް ބީބީސީގެ ހެޑުކުއާޓަރަށް ވަޑައިގަތީ އެބޭފުޅުންގެ އަހަރީ ހޮލީރުޑް ވީކްގެ ބައެއްގެ ގޮތުގައެވެ.

ބީބީސީގެ ހަބަރުކިޔުންތެރިޔާ ސެލީ މެގްނަސަން ހަބަރު ކިޔައި ނިމުމުން ސްކޮޓްލޭންޑުގެ ލަންޗްޓައިމް ވެދަރ ގެނެސްދެއްވީ އަމީރު ޗާލްސް އެވެ. ޑިޔުކް އޮފް ރޮތެސޭގެ ލަގަބު ލިބިވަޑައިގެންފައިވާ އަމީރު ވަނީ އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ބައެއް ކޮލެޖުތަކުގެ ދަރިވަރުންނާ ވެސް ބައްދަލުކުރައްވައިފައެވެ.

ބީބީސީގެ މޫސުމް ޗާޓުގެ ކުރިމަތީގައި ހުންނަވައިގެން މޫސުމީ ހަބަރު ގެނެސްދެއްވުމުގައި ޗާލްސް ބޭނުންފުޅު ކުރެއްވީ ބީބީސީން ތައްޔާރުކޮށްފައިވާ ސްކްރިޕްޓެކެވެ. ސީދާ ކެމެރާއަށް ބައްލަވަން ހުންނަވައިގެން އެމަނިކުފާނު ވިދާޅުވި އިބާރާތްތަކުގެ ތެރޭގައި، "މޫސުމް އެންމެ ރަނގަޅުވާނީ އުތުރުގެ ރަށްތަކަށާއި މައިކަރައިގެ ދުރު އުތުރު ސަރަހައްދަށް. ކެއިތުނެސްގައި މެއި ގަނޑުވަރު ހުންނަ ހިސާބަށް އަވި ދިން ނަމަވެސް ޖައްވު ފުސްވާނެ." ކަމަށް ވިދާޅުވި އިބާރާތް ހިމެނެއެވެ.

އަމީރު ޗާލްސް އާއި އަނބިކަނބަލުން ބީބީސީގެ ހެޑްކުއާޓަރުގައި ގަޑިއެއްހައި އިރު ހޭދަކުރެއްވި ކަމަށް ބީބީސީން ބުނެއެވެ.