މި ސަރުކާރުން ރައްޔިތުންނަށް ވަކިކަމެއް ކޮށްދިނުމަށް ވައުދުވެފައި ނެތްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ވަކިކަމެއް ކުރުމަށް ނިޔަތްގަނެފައި ނެތް ކަމަށާއި އަދި ރައްޔިތުންނަށް ވަކިކަމެއް ކޮށްދިނުމަށް ވައުދުވެފައި ވެސް ނުވާ ކަމަށާއި އެހެންކަމުން މި ސަރުކާރުން ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ.

"ވަކިކަމެއް ކުރާކަށް ނިޔަތް ގަނެފަކައެއް ނެތް. ވަކިކަމެއް ކޮށްދޭކަށެއް ރައްޔިތަކަށް ވައުދު ވެފަކާއެއްނެތް. އެހެންވީމާ ވަކިން އަމުދުން ވައުދެއް ފުއްދޭކަށެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

"އީކުއުޓޯރިލް ގެދަރިން" ނަމުގައި އިއްޔެ އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންނަށް ވައުދުތަކެއްވެ އެ ވައުދުތައް ފުއްދަން ނުކުތް ޕާޓީއެއް ކަމަށާއި ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ކޮށްދީފައިވާ ކަންތައްތަކަށާއި ވޭތުވެދިޔަ ތިން އަހަރު ކަންކަން ވެފައިވާ ކަންތައްތަކާ އަޅާ ބަލާ އިރު އެކަންކަން ރައްޔިތުންނަށް އެނގިގެން ދާނެ ކަމަށެވެ.

"ތިރީސް އަހަރުގެ ކަންތަކާ އަޅާ ބަލާލީމާ ނަރުދަމާގެ ކަންކަން އަޅުގަނޑުމެންގެ ސަރުކާރުން ދެގުނަ ކޮށްދީފައިވާކަން ރައްޔިތުންނަށް އެނގޭނެ،" ނަޝީދު ވިދާޅު ވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ވޭތުވެ ދިޔަ ތިން އަހަރު ކޮށްދީފައިވާ ކަންތައްތަކަށް ބަލާއިރު ރައްޔިތުން އަލުން އަނބުރާ އެމްޑީޕީ ވެރިކަމަށް ގެންނާނެ ކަމަކީ ޝައްކެއް އޮތްކަމެއް ނޫން ކަމަށާއި ދެން ބާއްވާ ރިޔާސީ އިންތިޚާބެއް ފުރަތަމަ ބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"ރައްޔިތުން އަލުން އެމްޑީޕީ ވެރިކަމަށް ގެންނާނެ، އެއީ އަޅުގަނޑުގެ ހިތުގައި ކުޑަކޮށް ވެސް ޝައްކު އުފެދޭ ކަމެއް ނޫން. ދެން އޮންނަ ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރާނީ ސާދާކޮށް އެއް ބުރުން،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 30 އަހަރުގެ ގޮތްތަކަށް ރައްޔިތުން ނޫނެކޭ ބުނެފައި ވަނިކޮށް އަލުން އަނބުރާ އެގޮތްތައް މި ސަރުކާރުން އަޅުގަނޑުމެންގެ ތެރެއަށް ތައާރަފް ކުރަން ފަށާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީއާ ގުޅިފައިވާ އެތަކެއް މަޝްރޫއެއް ހުއްޓި އެ ފައިސާ އެހެން ކަންކަމަށް މި ސަރުކާރުން ބޭނުން ކުރަމުން އަންނަ ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ. ނަމަވެސް ހުއްޓިފައި ވަނީ ކޮން މަޝްރޫއުތަކެއް ކަމެއް ނަޝީދު ވިދާޅެއް ނުވެ އެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންތައް ކޮށްނުދީ މި ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފު ކުރަމުން އަންނަ ކަމަށާއި މިވެރިކަމަކީ ފުލުހުންނާއި ސިފައިން ގެނައި ވެރިކަމަކަށް ވާތީ މިވެރިކަން ހުއްޓިފައި އޮތީ ހަމައެކަނި ސިފައިންނާއި ފުލުހުންގެ ކަންތައްތައް ބެލުމަށް ކަމަށެވެ.

"މިވެރިކަމަކީ ފުލުހުންނާއި ސިފައިން ގެނައި ވެރިކަމެއް، މިވެރިކަން ހުއްޓިފައި އޮތީ ސިފައިންނާއި ފުލުހުންގެ ކަންތައް ބެލުމަށް،" ނަޝީދު ވިދާޅުވި އެވެ.