12 May 2012, 09:27
މަސްތުވާތަކެތިކަމަށް ތުހުމަތު ކުރެވޭ އެއްޗަކާއެކު މާލެއިން ނ. ވެލިދޫއަށް ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ ގަސްކަރަ، ޔަޒްދާދް ގާާސިމް 22، އެވެ.
ފުލުހުން ބުނީ ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ މާލެއިން ވެލިދޫއަށް ދިޔަ ބޯޓަކުން އެރަށަށް ފޭބި މީހުންގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑާއި ދަބަސް ބަލައި ފާސްކުރި އިރު ޔަޒްދާދު ގެންގުޅުނު ދަބަހުގެ ތެރޭގައި އޮތް ޝަވާޖެލް ފުޅިއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.
އޭގެ އިތުރުން އެބޯޓުގައި ހުރި މުދާތަކާއި ފޮށިގަނޑުތައް އެތަކެތީގެ ވެރިފަރާތުގެ ހާޒިރުގައި ބާލާ ފާސްކުރިއިރު ފެނުނު ސިޓީ އުރައެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި ނަމަވެސް އޭގެ ވެރިފަރާތެއް ނެތްކަމަށެވެ.
ސިޓީ އުރައިގެ އިތުރުން ހަވާލުވާނެ ފަރާތެއް ނެތި އޮތް ކޮތަޅެއް ބާލާ ފާސްކުރިއިރު އެ ކޮތަޅުގެ ތެރެއިން ވެސް މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒްގެ ހަ ޕެކެޓާއި މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި ހަތަރު ސެލޯފިން ކޮތަޅު ފެނުނު ކަމަށާއި އެ ބޯޓުގެ ފައިފުއްސެއްގެ ދަށުން ވެސް މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒްގެ ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.