19 Sep 2023, 09:41
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް (ޓުވިޓާ)އަށް އެނބުރި ދިއުމުގެ އެއްވެސް ވިސްނުމެއްނެތްކަމަށް ބުނެ، ޓުވިޓާ ދޫކޮށްލި ޙަޤީޤީ ސަބަބު ޕްރޮޑިއުސަރު ކަރަން ޖޯހަރު ހާމަކޮށްފިއެވެ.
ކަރަން އެ ޕްލެޓްފޯމް ދޫކޮށްދިޔަތާ އަހަރެއްވާން ކައިރިވެފައިވާއިރު ޓުވިޓާ ދޫކޮށްލި ސަބަބު މިހާތަނަށް ކަރަން އެއްވެސްވަރަކަށް ހިއްސާކޮށްފައިނުވެއެވެ.
ދާދިފަހުން ދިން އިންޓަވިއުއެއްގައި ކަރަން ބުނެފައިވަނީ، ޓުވިޓާ ދޫކޮށްލަން މަޖުބޫރުވީ ކަރަންގެ ދެ ކުދިންކަމަށްވާ ޔަޝްއާއި ރޫޙީއަށް ނިސްބަތްކޮށް ވަރަށް ނޭދެވޭ މެސެޖުތަކާއެކު ފާޑުކިޔުންތައް ކަރަންއަށް އަމާޒުވާންފެށުމުންކަމަށެވެ. އިންޑިއާގެ މިޑް-ޑޭ ނޫހަށް ދިން އިންޓަވިއުގައި ދަރުމާ ކުންފުނީގެ ވެރިޔާ ބުނީ މިހާތަނަށް ޓުވިޓާގައި ކަރަންއަށް އަމާޒުކޮށް އާއްމުން ފާޑުކިޔާފައިވާއިރު މަންމަ ހިރޫ ޖޯހަރުވެސްވަނީ އެކަމާ ކަންބޮޑުވާކަން ފާޅުކޮށްފައިކަމަށެވެ. އޭރުވެސް އެކަމާ މާބޮޑަށް އަޅާނުލާކަމަށާއި އެހެންނަމަވެސް ކަރަންގެ ދެ ކުދިންނަށް އަމާޒުކޮށްގެން ވަރަށް ހުތުރުކޮށް އެއްޗެހިގޮވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ކަރަންވަނީ ބުނެފައެވެ.
ކަރަން ޓުވިޓާ އެކައުންޓު ދޫކޮށް މިޕްލެޓްފޯމާ ދުރަށްދިޔައިރު ދެ ކުދިންނަށް އޭރު އެންމެ ފަސް އަހަރުކަމަށް ކަރަން ބުނެފައިވެއެވެ. މިހާތަނަށް ކަރަންއަށާއި ޢުމުރުން ދުވަސްވެފައިވާ އޭނާގެ މަންމައަށް ނިސްބަތްކޮށްވެސް ވަރަށް ނޭދެވޭ ފާޑުކިޔުންތައް ލިޔެފައި ހުރިކަމަށް ކަރަންވަނީ ބުނެފައެވެ. އެހެންނަމަވެސް ތުއްތު މައުސޫމް ކުދިންނަށް އަމާޒުކޮށް ނޭދެވޭ ބަސްތައް ބޭނުންކުރުމަކީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއްކަމަށާއި އެކަންކުރާ ބަޔަކީވެސް ކިހާ ދަށު ދަރަޖައަކަށް ވެއްޓިފައިވާ ބައެއްކަން ވިސްނޭކަމަށް ކަރަން ބުނެފައިވެއެވެ. ކަރަން ޓުވިޓާ ދޫކޮށް ދިޔަ ނަމަވެސް ދަރުމާ ކުންފުނީގެ ޓުވިޓާ އެކައުންޓުތައް ބަރާބަރަށް ހިނގަމުންދާނެކަމަށް ކަރަންވަނީ ބުނެފައެވެ. އަދި ކަރަން އެ ޕްލެޓްފޯމް ދޫކޯށް ދިޔައީ އެއްވެސްގޮތަކަށް ބަޔަކު މީހުން ކަރަން ޒިންމާކުރުވާ 'ނެޕޮޓިޒަމް'ގެ ތުހުމަތުތަކާ ގުޅިގެން ނޫންކަމަށް ކާމިޔާބު ޑައިރެކްޓަރުވަނީ ބުނެފައެވެ.
ޓުވިޓާ ދޫކޮށް ދިޔަނަމަވެސް އިންޑަސްޓްރީއާ ގުޅުންހުރި ހުނަރުހުރި ފަރާތްތަކަށް ފުރުސަތު ދިނުން މެދުކަނޑާނުލާނެކަމަށް ކަރަންވަނީ ބުނެފައެވެ. ކަރަން ހަތް އަހަރަށްފަހު ޑައިރެކްޓްކުރި ފިލްމު "ރޮކީ އޯރު ރާނީ"ވަނީ މިދިޔަ ޖުލައި މަހު ރިލީޒްވެފައެވެ. މިފިލްމަށްވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައެވެ.