މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަށް ފަހު ސަރުކާރާ ހަވާލުވެފައި ވަނީ ކުރީގެ އިދިކޮޅު ފަރާތްތަކެވެ. އެފަރާތްތަކަކީ އޭރުގެ ސަރުކާރުގެ އެތައް ކަމެއް ކަމު ނުދާ ކަމަށް ބުނެ އެތައް މުޒާހަރާއެއް ކޮށްފައިވާ ފަރާތްތަކެވެ. މިހާރު އުފެދޭ ސުވާލަކީ އެވެރިންނަށް އޭރު ކަމުނުދިޔަ ކަންތައްތަކުގެ ތެރެއިން މިހާރު ބަދަލުވެފައި ވަނީ ކޮން ކަމެއް ހެއްޔެ އެވެ؟

ރައްޔިތުންނަށް ހިދުމަތް ދިނުމަށް ފައިސާ ހޯދުމަށްޓަކައި އިންކަމް ޓެކްސް ތައާރަފް ކުރަން މަސައްކަތް ކުރުމުން އެކަމާ ދެކޮޅަށް މިހާރު ސަރުކާރުގެ ވަޒީރުކަމުގައި ތިއްބެވި ބޭފުޅުން އިހުތިޖާޖު ކުރެއްވި އެވެ. ގާނޫނާ ހިލާފަށް އަބްދުﷲ ގާޒީ ހިފައި ހައްޔަރު ކުރުމުން، އަދި ހައި ކޯޓު، ސުޕްރީމް ކޯޓުގެ އަމުރުތަކަށް ސަރުކާރުން ބޯނުލެނބުމުން ޖީއެސްޓީ ނުދެއްކުމަށް އޭރު އެބޭ ފުޅުން ގޮވާލެއްވި އެވެ. ނަމަވެސް ސަރުކާރުގެ ވަޒީރުކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް އެބޭފުޅުންނަށް ލިބިފައިވާ އިރު ޖީއެސްޓީއާ މެދު އަމަލުކުރައްވާނެ ގޮތެއް އަދި ހާމައެއް ނުކުރައްވަ އެވެ.

ނަމަވެސް މިހާރު ކަންތައްތަކެއް ބަދަލުވެއްޖެ ކަމަށް ހުދު އޭރުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ގަބޫލުކުރައްވަ އެވެ.

"އެބޭފުޅުން އޭރު ދެކޮޅު ހައްދަވަމުން ގެންދެވި ބައެއް ކަންތައްތައް ބަދަލުވެއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، މިސާލަކަށް އޭރު އެބޭފުޅުން ދެކޮޅު ހެއްދެވި އެއް ކަމަކީ މާލޭގައި ހިންގާ މަސާޖުޕާލާތައް ބަންދު ނުކުރުމުގެ މައްސަލަ، މިހާރު ރެޑް ހޭންޑްކޮށް ވެސް އެތައް ތަނެއް ހިފައި ބަންދު ކޮށްފި ނޫންތޯ" އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފިޝަރީޒު މިނިސްޓަރު ޑރ. އިބުރާހިމް ދީދީ ވިދާޅުވި އެވެ.

ޑރ. ޑީޑީ ވިދާޅުވީ ޖީއެސްޓީ ނަގާ ގޮތާ ދޭތެރޭ އޭރުގެ އިދިކޮޅު ފަރާތްތަކުން ދެކޮޅު ހެދި ކަމަށާއި އެހެން ނަމަވެސް ސީދާ ޖީއެސްޓީ ނެގުމާ ދެކޮޅު ނުހައްދަވާ ކަމަށެވެ.

ނަމަވެސް ސަރުކާރުން މިކަމާ މެދު ބުނަނީ ތަފާތު ވާހަކައެކެވެ. އެއީ މިހާރުގެ މުޅި ސަރުކާރުން ދެކޮޅު ހެދި ކަމެއް ސީދާ ނެތުމުން ކަމަށް ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލު ރިޒާ ވިދާޅުވި އެވެ.

"ވެރިކަން މިކުރަނީ އެތައް ޕާޓީއެއް އެކުލެވޭ އިއްތިހާދަކުން، އެހެންވީމާ އޭގެ ތެރޭން ބައެއް ޕާޓީތައް އިހުތިޖާޖު ކުރި ކަންތައްތަކާ އަނެއް ބައި ޕާޓީތަކުން އިހުތިޖާޖެއް ނުކުރޭ. މިސާލަކަށް ކަރަންޓް އަގު ބޮޑުވެގެން ބައެއް ޕާޓީތަކުން މުޒާހަރާ ކުރި އިރު އަނެއްބައި ޕާޓީތަކުން އެކަމާ މުޒާހަރާއެއް ނުކުރޭ،" އެހެންވީމާ ޖުމްލަކޮށް ސަރުކާރުގެ ފަރާތުން ތިޔަ ސުވާލަށް ދޭނެ ޖަވާބެއް ނެތް،" އައްބާސް ވިދާޅުވި އެވެ.

ވެރިކަން ބަދަލުވުމުގެ ކުރިން އެންމެ ބޮޑު އެއް މުޒާހަރާއެއް ކުރީ ޑޮލަރު ރޭޓް އޭރުގެ ސަރުކާރުން ބަދަލުކުރުމުން ކުރި މުޒާހަރާ އެވެ. އެމުޒާހަރާ ކުރީ އޭރުގެ ޒެޑް ޑީއާރްޕީ (މިހާރުގެ ޕީޕީއެމް) އިން އިސް ނަގައިގެންނެވެ.

ހަފުތާތަކަށް ދެމިގެން ދިޔަ އެ މުޒާހަރާތަކުގައި ގޮވާލާފައި ވަނީ ޑޮލަރު ރޭޓް ވަގުތުން ވަގުތަށް ބަދަލު ކުރުމަށެވެ. ނަމަވެސް ޑޮލަރުގެ ރަސްމީ ރޭޓަށް އަދި ބަދަލެއް އައިސްފައެއް ނުވެ އެވެ. އެކަމާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތެއް ވެސް ހާމަކޮށްފައި ނުވާއިރު ޕީޕީއެމްއަކީ މިހާރުގެ ސަރުކާރުގައި ބޮޑު ހިއްސާއެއްވާ ޕާޓީ އެކެވެ.

ޑޮލަރުގެ ރަސްމީ ރޭޓް ބަދަލު ވެފައި ނުވި ނަމަވެސް ކަޅުބާޒާރުގައި ޑޮލަރު ގަންނަން ލިބޭ އަގު ދަށްވެ، ޑޮލަރު ލިބުން ވެސް ފަސޭހަ ވެފައިވާ ކަމަށް ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދާން ޑޮލަރު ހޯދި މީހަކު ބުންޏެވެ. ދައުލަތުގެ އެޓާނީ ޖެނެރަލް އާޒިމާ ޝުކޫރު ވެސް ވަނީ އެމޭރުމުން ވާހަކަ ދައްކަވައިފަ އެވެ.

ކަންތައްތަކެއް ބަދަލުވެފައިވާ ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނި ނަމަވެސް ސަރުކާރާ ދެކޮޅު ފަރާތްތަކުން މިހާރު ބުނަމުންދަނީ ކަންތައްތައް ގޯހުން ގޯހަށް ދިއުން ނޫން އެހެން ބަދަލެއް ނާންނަ ކަމަށެވެ.

އަދި އޭރު މުޒާހަރާކޮށް ދެކޮޅު ހެދި ކަންތައްތަކަށް އައީ ކޮން ބަދަލެއްތޯ އިދިކޮޅުފަރާތްތަކުން ސުވާލުކުރެ އެވެ.