11 May 2012, 22:14
ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން، ކުރިއެކޭވެސް އެއްގޮތަށް ބުރުލެއްނާރާ ކުރިއަށްދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، އިންޑިއާގެ ފޮރިން ސެކްރެޓަރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ދެއްވައިފި އެވެ.
ރައީސް ވަހީދު މިރޭ އިންޑިޔާއަށް ވަޑައިގަތުމުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީ، ރައީސް ވަހީދުގެ އަރިހަށް ކުރެއްވެވި އިޙްތިރާމްގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖެއާ އިންޑިއާއާ ދެޤައުމުގެ ދެމެދު އުފެދިފައިވާ ގުޅުން، ކުރިއެކޭވެސް އެއްގޮތަށް އޮންނާނެ ކަމަށެވެ. އެކަމަށް ބުރުލެއްނާރާނެ ކަމަށެވެ.
ވެރިރަށް ދިއްލީގައި ރައީސް ވަހީދު ހުންނަވާ ހޮޓެލްގައި މިރޭ 8:00 ޖެހިއިރު އޮތް ބައްދަލުކުރެއްވުމުގައި، ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުގައި، އިންޑިއާ އާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަކުރައްވައި، އިންޑިއާއިން ރާއްޖެއަށް ވެދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙާބެހޭ މަޢުލޫމާތު، ފޮރިން ސެކްރެޓަރީއާ ޙިއްޞާ ކުރެއްވިއެވެ.
ފޮރިން ސެކްރެޓަރީގެ ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު ކުރިއަށްދާ ގޮތާމެދު އިންޑިއާއިން ހިތްހަމަޖެހޭކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހަމަޖެހޭ މާޙައުލެއް ޤާއިމްކުރެވި، ތަރައްޤީގެ ކަންތައްތައް ކުރިއަށްދިޔުމަކީ، އިންޑިއާ ދެކެން ބޭނުންވާ ގޮތް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިކަމުގައި އިންޑިއާއިން ވެދެއްވެން އޮތް ހުރިހާ އެހީއެއް، ރާއްޖެއަށް ވެދެއްވާނެ ކަމުގެ ޔަޤީންކަންވެސް ފޮރިން ސެކްރެޓަރީ، ދެއްވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހްގެ ދަޢުވަތަކަށް ރައީސް ޑރ. ވަހީދާއި އަނބިކަނބަލުން އިލްހާމް ޙުސައިން، އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ވެރިރަށް ނިއުދިއްލީއަށް މިރޭ ވަޑައިގަތީ މާލޭ ގަޑިން 6:30 ގައެވެ.
ނިއުދިއްލީގެ ވައިގެ ބަނދަރުން ރައީސްގެ ދެ ކަނބަލުންނަށް މަރްޙަބާ ވިދާޅުވީ، އިންޑިއާގެ މިނިސްޓާ އޮފް ސްޓޭޓް ފޯ އެކްސްޓާނަލް އެފެއާޒް މިޒް ޕްރިނީތް ކައުރާއި، އިންޑިއާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު ޢަބްދުލްޢަޒީޒް ޔޫސުފާއި، އިންޑިއާގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީއާއި، ދިއްލީގައި ހުންނަ ދިވެހި ހައިކޮމިޝަންގެ އިސްބޭފުޅުންނާއި، އިންޑިއާގެ ޕްރޮޓޮކޯލްގެ އިސްބޭފުޅުންނެވެ.
ރައީސް ވަހީދުގެ ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދައްކަވާނީ، އިންޑިއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން، އެކި ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުންނެވެ. މިދަތުރުފުޅުގައި، ރައީސް ވަހީދު އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގާ މާދަމާ ބައްދަލުކުރައްވާނީ މާދަމާ އެވެ.