11 May 2012, 22:10
ނިއުދިއްލީން: ހުސައިން ހަސަން
އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންތައްތަކާ ބެހެން މަސައްކަތް ނުކުރާ ކަމަށް ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލް އަޒީޒު ޔޫސުފު ވިދާޅުވެެއްޖެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށް ކުރިއަށް ގެންދާ އޯލް ޕާޓީ ޓޯކްސްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީ ބައިވެރިވެ ވަޑައިގެންނެވި މައްސަލާގައި ސިޔާސީ ޕާޓީތަކުން އިންޑިއާއަށް ތުހުމަތުތަކެއް ކުރި މައްސަލާގައި ވާހަކަފުޅު ދައްކަވަމުން އަޒީ ވިދާޅުވީ އިންޑިއާ އިން އެއްވެސް އިރެއްގައި ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ވަނުމަށް މަސައްކަތް ނުކުރާ ކަމަށެވެ. އަދި އޯލްޕާޓީ ޓޯކްސްގައި ރަންޖަން މަތީއީ ދެއްކެވި ވާހަކަފުޅެއް ދެއްކެެވީ ސިޔާސީ ޕާޓީތަކާ ވާހަކަ ދައްކައިގެން ސިޔާސީ ޕާޓީތަކުން ނުކުތް ވާހަކަތަކުގެ މައްޗަށް ބުރަވެވަޑައިގެން ކަމަށެވެ. އަދި ވިދާޅުވީ އެއީ ރާއްޖޭގެ ކަންތައްތަކުގެ ތެރެއަށް އިންޑިއާ އިން އަމިއްލަ ބަސް ކިއުން ނޫން ކަމަށެވެ.
އަޒީ ވިދާޅުވީ އިންޑިއާއަކީ ރާއްޖެއާ އެންމެ ގުޅުން ބޮޑު ގައުމަށް ހަދަން ޖެހޭ ކަމަށާއި ސަބަބަކީ އެ ގައުމަކީ ރާއްޖެ އަށް ދިމާވާ އެކި ދަނޑިވަޅުތަކުގައި އެހީތެރިވެދޭ ފަރާތް ކަމަށެވެ. އަދި ވިދާޅުވީ އެ ގައުމަކީ އެންމެ ބޮޑު ޑިމޮކްރަސީ އޮތް ގައުމު ކަމަށްވެފައި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ގޮނޑި ކަށަވަރުވެގެންދާ ގައުމަކީ އިންޑިއާއަށް ވެފައި އެގައުމާ ގާތް ގުޅުމެއް ބޭއްވުމަކީ ކިތަންމެހާ ވެސް މުހިއްމު ކަމެއް ކަމަށެވެ.
އިންޑިއާގެ ބޮޑު ވަޒީރު މަންމޯހަން ސިންްގުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިންޑިއާއަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އިންޑިއާގެ ނިއުދިންލީ، އިންދިރާގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ މިނިސްޓަރު ސްޓޭޓް ފޯ އެކްސްޓާނަލް އެފެއާޒް އެވެ. ފަސް ދުވަހަށް އިންޑިއާ އަށް ރައީސް ވަހީދުގެ ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު އަރިހުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަ އެވެ.