ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީ-ރެޖިސްޓާވުމަށް ހުޅުވާލި މުއްދަތު އިއްޔެ ހަވީރަށް ހަމަވީއިރު، 47،000 ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 42،867 މީހުން ވަނީ ރީ-ރަޖިސްޓްރޭޝަނަށް ހުށަހަޅާފައެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެވަނަ ބުރުގައި 47،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރޭޝަނަށް ފޯމު ހުށަހެޅިއިރު، އޭގެ ތެރެއިން 19،000 އަށް ވުރެ ގިނަ ފޯމު އިއްޔެގެ ނިޔަލަށް ރަޖިސްޓްރީ ކޮށްދެވިފައި ވާނެ ކަމަށެވެ. އަދި މިހާރު 27،000 އަށް ވުރެ ގިނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އީސީން ކުރަމުންދާ ކަމަށް ހަބީބް ވިދާޅުވިއެވެ.

"ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެ. އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޢާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ހިއްސާ ކުރާނެ،" ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ރީ-ރަޖިސްޓާ ކުރުމަށް އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ، ދެވަނަ ބުރަކަށް ދިޔަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވާ ދެ ޕާޓީން ކަމަށެވެ.

އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މިދިޔަ އިންތިޚާބަށް ބަލާއިރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް 95،695 ރީ-ރެޖިސްޓްރޭޝަން ފޯމް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ރީ-ރަޖިސްޓްރީވީ 78،964 ފޯމެވެ.

މި އަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި 283،272 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވީއިރު ދެވަނަ ބުރުގައި 282،803 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބޭނެއެވެ. އޭގެ ތެރޭގައި އަލަށް ވޯޓު ލުމުގެ ފުރުސަތު ލިބޭ 403 ޒުވާނުން ހިމެނެއެވެ.