ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ އޮފީސް ޖާގަތައް އަގުބޮޑުވުމުންކަމަށާއި އެ ކަމަށް ނިމުން ގެނެސް ހެޔޮއަގުގައި އޮފީސް ޖާގަ ވިޔަފާރިތަކަށް ލިބޭނޭ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ށ. ފުނަދޫގައި އޮތް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އޮފީސް ޖާގަ ހެޔޮ އަގުގައި ނުހުންނަ ކަަމަށެވެ. އެހެންކަމުން، ވިޔަފާރި ފަށައި ތިބެން ޖެހެނީ "ފަހަތުފަޔަށް" ބުރަވެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ކަމަށް ޓަކައި ގްރޭޓާ މާލެ އޭރިއާގައި އިމާރާތެއް ފުރަތަމަ އަޅުއްވައިދެއްވާނެކަމަށެވެ. އެއީ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށާއި އޭގެ ކާމިޔާބަށް ބަލައި އިތުރު އިމާރާތްތައް ރާއްޖޭގެ އެކި އާބަން ސެންޓަރުތަކުގައި އަޅުއްވައިދެއްވާނެކަމަށް ވިދާޅުވިއެވެ.

އެ އިމާރާތްތަކުގައި އެއް ވިޔަފާރިއަށްވުރެ ގިނަ ވިޔަފާރި ގުޅިގެން، ކޯ ވޯކިން ކޮންސެޕްޓުގައި ވެސް ކުރިއަށް ދެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ އިމާރާތުގައި ކެފޭތަކާއި އެހެނިހެން ޚިދުމަތްދޭ ތަންތަން ވެސް ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތައާރަފްކުރެެއްވި ސްޕެޝަލް އިކޮނޮމިކް ޒޯން ގާނޫނު (އެސްޑީޒެޑް)ގެ ދަށުން އިންވެސްޓްމެންޓްތައް ރާއްޖެއަށް ގެންނަވާނެކަމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.