(ށ. ފުނަދޫއިން، ޢާލިމް އަބްދުއްލަތީފް)

ސިޔާސީ ވާދަވެރިންނާމެދު ހިޔާލުތަފާތުވީ ނަަމަވެސް، އެ ފަރާތްތަކަށް އިހްތިރާމްކުރަން ޖެހޭނެކަމަށާއި ރުޅިވެރިކަން އިސްކޮށް ދަށުދަރަޖަކައަށް ވެއްޓިގެން ނުވާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ށ. ފުނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ މުޖުތަމައުގައި އެކަކު އަނެކަކަށް އިހްތިރާމްކުރުން ނެތިގެން ގޮސްފައިވާ ކަމަށެވެ. އެ ކަން އަނބުރާ ގެނައުމަކީ މުޖުތަމައަށް ހަމަޖެހުން ލިބޭނެކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދަރިން ސްކޫލަށް ފޮނުވައިގެން ކިޔަވައިދޭއިރު، މި ފަދަ ކަންކަން ކިޔަވައިދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ގައުމިއްޔަތު ވަކި މާއްދާއެއް ގޮތަށް ކިޔަވައިދޭން މީގެ ކުރިން އިއުލާންކޮށްފައިވާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ހަމަ އެ ގޮތަށް ސްކޫލްތަކުގައި އަޚްލާގް ކިޔަވައިދިނުމަކީ މުހިންމުކަމެއް ކަމަށެވެ.

އެކަކު އަނެކަކަށް އިހްތިރާމްއަދާކޮށް، ނެތެމުންދާ ރީތި އާދަތައް އަނބުރާ ގެންނަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. ދީނީ ރީތި އާދަތަކާއި ދިވެހީންގެ ތެރޭގައި މީގެ ކުރިން ހުރި ރިވެތި އާދަތައް އަނބުރާ ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ވާދަވެރިން ހިތްހަމަނުޖެހޭ ކަންކަން ވެސް ކުރާނެކަމަށާއި ނަމަވެސް އެ ކަންކަން ކުރާ މީހުންގެ ދަށު ދަރަޖައަށް ވެއްޓިގެން ނުވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާންޖެހޭނެ އަމަލާ ބަހުން ރީތި މިސާލު ދައްކާ ބަޔަކަށް، ސިޔާސީ ވާދަވެރިޔާއަށް ރައްދު ދިނުމުގެ ގޮތުން އެ ފަރާތުން ވެއްޓުނު ދަރަޖައަށް ވެއްޓިގެން ނުވާނެ،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ޒުވާނުންނަށް މުޖުތަމައުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ ވަބާކަމަށާއި އެ ކަމުން ގައުމު މިންޖުވީ ވަރަކަށް ހަމަޖެހުން ލިބޭނެކަމަށް އޭނާ ވިދާޅުވިއެެވެ.

އޭނާގެ ވެރިކަމެއްގައި ކޮންމެ އަހަރަކު ވެސް ސަރުކާރުގެ ބަޖެޓުގައި ވަކި ހާއްސަ އިސްކަމެއް މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރަން ކުރާނެ ކަންކަމަށް ހާއްސަ ކުރާނެކަމަށް ވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރިހެބިލިޓޭޝަން ސެންޓަރުތަކެއް ގާއިމުކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.

އަލަށް ކުށުގެ ވެއްޓަށް ވަންނަ ކުދިންނަށް ފުރަތަމަ ބޮޑެތި ޖަލު އަދަބުތައް ދިނުމުގެ ބަދަލުގައި އެހެން ގައުމުތަކުގައި ވެސް އެ ކަން ކުރާ ގޮތަށް އެ ކުދިންނަށް އަނބުރާ މުޖުތަމައަަށް އާދެވޭނެ ފަދަ މާހައުލެއް ގާއިމުކޮށްދެއްވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.