18 Sep 2023, 08:49
ކޭޕޮޕް މިއުޒިކްގެ އެންމެ ބޮޑު ގްރޫޕުތަކުގެ ތެރޭގައި ހިމެނޭ "ބްލެކްޕިންކް" އާއި "ރެޑް ވެލްވެޓް" ރޫޅެން އުޅޭ ކަމުގެ އިޝާރާތްތަކެއް ކޮށްފިއެވެ.
އެންމެ މަގުބޫލު ގްރޫޕުތަކުގެ ތެރޭގައި ހިމެނޭ ބްލެކްޕިންކް އާއި ރެޑް ވެލްވެޓަކީ މުޅި ދުނިޔޭގައި ވެސް ބޮޑު ތަރުހީބެއް ހޯދާފައިވާ ދެ ގާލް ގްރޫޕެވެ. ދެ ގްރޫޕު ވެސް ރޫޅެން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވެން ފަށާފައިވަނީ ދެ ގްރޫޕުގެ މެމްބަރުންގެ ކޮންޓްރެކްޓުތަކާ ގުޅިގެން ލީކުތަކެއް ވާން ފެށުމުންނެވެ.
އެންމެ ފުރަތަމަ މައްސަލަތަކެއް އުޅޭކަން އެނގިފައިވަނީ ރެޑް ވެލްވެޓުގެ އެންމެ މަގުބޫލު މެމްބަރު ކަމަށްވާ އައިރީން އާއި ޕްރޮޑަކްޝަންގެ މެމްބަރަކާ ޖެހުނު މައްސަލަތަކާއެކުގައެވެ. އެއާއެކު އައިރީން އާއި ޕްރޮޑަކްޝަން ކުންފުނި "އެސްއެމް އެންޓަޓެއިންމެންޓް" އާއެކު އޮތް އެއްބަސްވުން އާ ނުކުރާ ކަމަށް ވާހަކަ ދެކެވެން ފެށިއެވެ.
ހަމަ އެއް ދުވަސްވަރެއްގައި ބްލެކްޕިންކްގެ މެމްބަރުންގެ އެއްބަސްވުން އާ ނުކުރާ ކަމަށް ވާހަކަ ދެކެވެން ފެށިއެވެ. އަދި އެއްވެސް މެމްބަރަކު އެއްބަސްވުން އާކުރަން ބޭނުން ނުވާ ކަމަށް ވެސް ވާހަކަ ދެކެވެން ފެށިއެވެ. ދެން ވާހަކަ ދެކެވެން ފެށީ ބްލެކްޕިންކްގެ މެމްބަރު ލިސާގެ އެއްބަސްވުން އާ ކުރަން އެ ގްރޫޕްގެ ލޭބަލް "ވައިޖީ އެންޓަޓެއިންމެންޓް"އިން އޭނާއަށް 40 މިލިއަން ޑޮލަރު ދޭން އުޅޭ ކަމެވެ.
މިއިން އެއްވެސް ކަމެއް ކަށަވަރު ނުކޮށް އޮއްވައި މުޅި އިންޓަނެޓުގައި އެވާހަކަ ފެތުރުނެވެ. އަދި ގްރޫޕުތައް ރޫޅޭތީ ފޭނުން ކަންބޮޑުވެ އެކަން ބޮޑު މައްސަލައަކަށް ވާން ފެށިއެވެ. އެންމެފަހުން ބްލެކްޕިންކްގެ މެނޭޖަރު ހާމަކުރީ އެއްބަސްވުންތައް އުވައި ނުލާ ކަމަށެވެ. އަދި މެމްބަރުން އަންނަނީ އެއްބަސްވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ރެޑް ވެލްވެޓް ފަރާތުން ބަހެއް ހާމަކޮށްފައެއް ނުވެއެވެ.