17 Sep 2023, 21:17
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ބާކީ އޮތް ދުވަސްތަކުގައި، ކޮންމެ ދުވަހަކު މާލޭގައި ދޮރުން ދޮރަށް ހިންގެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފައްޓަވައިފިއެވެ.
އެ ހަރަކާތް ފެއްޓެވުމުގެ ގޮތުން މިއަދު ރައީސް ވަނީ މާފަންނާއި، މައްޗަންގޮޅީގެ ބައެއް ގޭގެއަށް ޒިޔާރާތްކުރައްވާފައެވެ.
އެމްޑީޕީން ބުނީ، ދެވަނަ ބުރުގައި ރައީސްގެ ކެމްޕޭނު ފޯކަސް ކުރާނީ މާލޭ ސަރަހައްދަށް ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހަވީރު ވެސް، ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ހިންގާނެ ކަމަށް އެ ޕާޓީން ބުނެއެވެ.
މީގެ އިތުރުން އެ ޕާޓީން އަންނަނީ ކޮންމެ ރެޔަކު ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ކެންޕޭން ޖަލްސާތައް ބާއްވަމުންނެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދޮރުން ދޮރަށް ހިންގެވުމުގެ ތެރެއިން --- ފޮޓޯ/ އެމްޑީޕީ
މީގެ އިތުރުން ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވެސް އަންނަނީ ދޮރުން ދޮރަށް ކެންޕޭނަން ހިންގަވަމުންނެވެ.
މިމަހުގެ 30ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ފުރަތަމަ ވޯޓު ލިބުނު، ޕީޕީއެމް، ޕީއެންސީ ކޯލިޝަނުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއެވެ. ރައީސް ވަނީ ފުރަތަމަ ބުރުގައި ހެދުނު ގޯސްތައް ދެނެގަނެ، ކެންޕޭނަށް ބަދަލު ގެންނެވި ކަމަށް ވިދާޅުވެފައެވެ.