މިދިޔަ ބުދަ ދުވަހު އެމްޑީޕީން ބަންޑާރަ މިސްކިތް ކައިރިއަށް އެއްވެ އަޑުގަދަކުރާ ބޭނުން ކޮށްގެން މުޒާހަރާ ކުރުމުން އެކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހެޅިފައިވާތީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ދަށުން އެ ޕާޓީއާ މެދު ފިޔަވަޅު އަޅައިދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ފުލުހުން ހުށަހަޅައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ އިއްޔެ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅީ ބުދަ ދުވަހު ބަންޑާރަ މިސްކިތް ކައިރިއަށް އެމްޑީޕީގެ ގިނަ ބަޔަކު އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން މުޒާހަރާކުރުމުން އެވަގުތު މިސްކިތުގައި ނަމާދަށް ތިބި މީހުންނަށާއި އެ ސަރަހައްދުގައި ހުރި ސަރުކާރާއި އަމިއްލަ މީސްމީހުންގެ އޮފީސްތަކުގެ މަސައްކަތަށް ދަތިވެފައިވާ ކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހެޅިފައިވާތީ ކަމަށެވެ.

ފުލުހުން ބުނީ އެ ދުވަހުގެ މުޒާހަރާގައި އަޑުގަދަ ކުރުމުގެ ސަބަބުން ސުޕްރީމް ކޯޓުގެ މަސައްކަތަށް ބުރުއަރާފައިވާ ކަމުގެ ޝަކުވާ ވެސް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެސަރަހައްދުން ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ވެސް ވަރަށް ބޮޑަށް ދަތިވެ އާންމުންނަށް އުނދަގޫ ވާހަކަން ފާހަގަކުރެވިފައިވާތީ އެކަމަކީ ސިޔާސީ ޕާޓީތަކުގެ ސުލޫކީ މިންގަނޑުތަކާއި ހިލާފުކަމަކަށް ވާތީ އެ ޕާޓީއާ މެދު ފިޔަވަޅު އަޅައިދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު ފަޔާޒު މިރޭ ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅިފައިވާކަމެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި އެފަދަ މައްސަލައެއް ހުށަހެޅިފައިވާކަން އެނގޭނީ އާދީއްތަ ދުވަހު އޮފީސް ހުޅުވުމުން ކަމަށެވެ.

މިކަމާ ބެހޭގޮތުން އެމްޑީޕީގެ ކޮމެންޓެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.