18:30


އިންތިގާލީ މަރުހަލާ ނިމުނު އިރު މަޖިލީހުން ނިންމަން ޖެހޭ ކަންތައްތައް ނުކުރެވުމުގެ ޒިންމާ އުފުއްލަވަން ޖެހޭނެ ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ކަމަށާއި އަދި ރައްޔިތުންގެ މަޖިލީސް ވަނީ ފެއިލްވެފައި ކަމަށް އެމްޑީޕީން ބުނެފި އެވެ.


އިންތިގާލީ މަރުހަލާ ރޭ ނިމުނު އިރު ސުޕްރީމް ކޯޓެއް އައްޔަން ނުކުރެވި އަދި މަޖިލީހުން ނިންމަން ޖެހޭ އެހެން ކަންތައްތައް ވެސް ނުކުރެވުމުގެ ސަބަބުން އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު ރީކޯ މޫސާ މަނިކު ވިދާޅުވީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ސުޕްރީމް ކޯޓެއް އުފެއްދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި އިންތިގާލީ މަރުހަލާ ހަމަވުމުގެ ކުރިން ވެސް ސުޕްރީމް ކޯޓު އުފެއްދުމަށް ގިނަ މަސައްކަތްތެއް ކުރެއްވި ކަމަށް މޫސަ ވިދާޅުވި އެވެ. މޫސަ ވިދާޅުވީ އެކަމުގައި މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ޢަމަލު ކުރައްވަމުން ގެންދެވި ގޮތް ކުށްވެރިކުރައްވާ ކަމަށެވެ.


އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ބުނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ އަލްއުސްތާޒު އަހުމަދު ފާއިޒުގެ ނަން ފާސްކޮށްގެން ނޫނީ އިތުރު މަސައްކަތެއް ދެން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ކޮންމެ ފަދަ ގުރުބާނެއް ވެގެން ވެސް ސުޕްރީމް ކޯޓު އުފެއްދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމެމްބަރުން ވިދާޅުވި އެވެ.


އިންތިގާލީ މަރުހަލާ ނިމުނުއިރު ވެސް، ސުޕްރީމް ކޯޓު އެކުލަވާނުލެވި މަޖިލިސް ހުއްޓުމަކަށް ގޮސްފައި އޮއްވާ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމާ ބެހޭ ބިލެއްގެ ޑްރާފްޓް މަޖިލީހުގެ ރައީސް ފޮނުވާފައިވާ ކަމަށް ޕާލިމަންޓްރީ ގުރޫޕްގެ މެމްބަރުން ވިދާޅުވެ، އެކަމަށް ފާޑުވިދާޅުވި އެވެ. އެ ބޭފުޅުން ވިދާޅުވީ މައިގަނޑު ތިން މާއްދާއެއްގެ މައްޗަށް އެކުލަވާލާފައިވާ އެ ބިލްގައި ބުނެފައި އޮންނަ ހަމަ އެކަނި އެއްޗަކީ ސުޕްރީމް ކޯޓުގައި ތިއްބަވާނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަސް ފަނޑިޔާރުން ކަމަށެވެ.